މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އައި ބޯޓެއްގައި މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި އެވެ.

36 ކިލޯ ޑްރަގު އެތެރެކުރި "އިސް މީހާ" ހައްޔަރުކޮށްފި
36 ކިލޯ ޑްރަގު އެތެރެކުރި "އިސް މީހާ" ހައްޔަރުކޮށްފި

36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މުދާ ޝިޕްމެންޓެއްގެ ތެރެއިން އަތުލައިގަތް އެ މައްސަލައާ ގުޅިގެން އޭރު ދެ ދިވެއްސަކު ހައްޔަރު ކޮށްފައިވެއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ އެ ޝިޕްމެންޓް ހިފަހައްޓަން ކަސްޓަމްސް އާއި ފުލުހުން ހިންގި އޮޕަރޭޝަނުގައި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގައެވެ.

އެއީ އެ ތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަސަން މަފާޒު، މަދާރުގެ، މ. މުލައް އަދި ވިޝާމް މުހައްމަދު، ހ. ފިލްމީސައިޓް އެވެ.

ހަސަން މަފާޒު، މަދާރުގެ، މ. މުލައް އަދި ވިޝާމް މުހައްމަދު، ހ. ފިލްމީސައިޓް

މީގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ މައްސަލާގައި ހައްޔަރުކުރީ ޕާކިސްތާނު މީހެއް ކަމަށްވާ، އުމުރުން 51 އަހަރުގެ ޒަފަރް އަހްމަދު އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އަނެއް ދެމީހުން ހައްޔަރު ކުރިތާ 4 މަސްފަހުންނެވެ.

ޒަފަރް އަހްމަދަކީ ރާއްޖޭގައި ދިރިއުޅޭ، ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ އިސް މީހެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ އިރު، 36 ކިލޯ ޑްރަގް އެތެރެކުރުމުގައި އިސްކޮށް ހުރީ ޒަފަރް ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.

އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ އިތުރު 15 ދުވަސް ދީފަ އެވެ. ކޯޓު އަމުރުގައިވާ ގޮތުން 15 ދުވަސް ދިނީ ވަކީލާ ބައްދަލުނުވާ ކަމަށް އޭނާ ބުނާތީ އެވެ.