ދިވެހިންގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ބިނާވެފައިވަނީ، ކަނޑު ފަޅާ ގުޅިފައިވާ އެކި ކަންކަމާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ކަނޑުގެ ދުވަހާ ގުޅިގެން އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަހަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން، ދިވެހިންނާ ގުޅި ލާމެހިފައިވާ ދުވަހެއް ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ ގައުމުގެ ސަރަހައްދުގެ 99 އިންސައްތަ ކަނޑު ފަޅުގެ ގޮތުގައިހިމެނިފައިވާ، ދިވެހިންގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ބިނާވެފައިވަނީ، ކަނޑު ފަޅާ ގުޅިފައިވާ އެކި ކަންކަމާ ކަމަށެވެ.

އެގޮތުން ދިވެހި އިގުތިސާދާއި، ދަތުރުފަތުރާއި، ބައެއް ހާލަތުތަކުގައި ޗުއްޓީ އާއި މުނިފޫހި ފިލުވުމާއި އަދި ބޭރު މީހުންގެ މެދުގައި ރާއްޖެ މަގުބޫލުވުން ގުޅިފައި ވަނީ ވެސް ކަނޑުފަޅާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެން ކަމުން، ގުދުރަތުން ދެއްވާފައިވާ މި ރީތި މުރަކައިގެ ބަގީޗާތަކާއި، ބަލައި ފޫހިވުމެއްނެތް ހިތްގައިމު ވިލުތަކާއި މަސްމަހާމެހިން މުއްސަނދިވެފައިވާ މި ނޫ ކަނޑުތައް ހިމާޔަތްކޮށް، ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ޓަކައި، ކޮންމެ ރައްޔިތަކު ވެސް މަސައްކަތްކުރުމަށް އާޒިމް ވަނީ ގޮވާލައްވާފައެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހަކީ ދުނިޔޭގެ ކަނޑުގެ ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "އައު ތަސައްވުރެއް: އަޅުގަނޑުމެން ދަންނަ ދުނިޔޭގެ އިންތަކުން ބޭރުވެ، ކަނޑުތަކާއެކު އައު ގުޅުމެއް ގާއިމުކުރަމާ" މިއެވެ.