ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި، ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން "ބޮލި" އިނިޝިއޭޓިވްގެ ދަށުން "ކާމް ރޫމް" އެއް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުވައިފި އެވެ.
ވީއައިއޭގެ ޓާމިނަލް 1 ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކާމް ރޫމް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ.
އެމްއޭސީއެލް އިން ބުނީ، މިއީ ވީއައިއޭ މެދުވެރިކޮށް ދަތުރުކުރާ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް، އެމީހުންގެ ދަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީ، އަޅާލުމާއި އިހުތިރާމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
މި ކާމް ރޫމް ހުޅުވައިދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ، ވީއައިއޭ އަކީ ކޮންމެ ފަސިންޖަރަކަށް ވެސް ހަމަހަމަކަމާއެކު އިތުބާރު ހުރި ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.
މީގެއިތުރުން، ކާމް ރޫމް ޤާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މުވައްޒަފުން ތަމްރީނުކުރުމުގައި އޯޓިޒަމް ކެއާ މޯލްޑިވްސް އާއި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ދިން އެހީތެރިކަމަށް ޝަރީފް ޝުކުރު އަދާކުރެއްވިއެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މި ޚިދުމަތް ވީއައިއޭގެ ޓާމިނަލް 2 އާއި ސީޕްލޭން ޓާމިނަލަށްވެސް ފުޅާކުރުން ކަމަށެވެ. އަދި މިއީ އެއްވެސް ފަސިންޖަރަކު ބާކީނުކޮށް، އެންމެންނަށް އަޅާލާ މާހައުލެއް ގާއިމުކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތް ހާމަކޮށްދޭ، މުހިންމު މަސައްކަތެއް ކަމުގައި އެމްއޭސީއެލް އިން ފާހަގަކުރެ އެވެ.