ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭ 21:26 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި މަގު ހުރަސްކުރި މީހާއަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށާއި، އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫތުދެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.