މުުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުރަރުތައް ދަސްކޮށްދިނުމަށް، އެޗްޑީސީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމު ފަށައިފިއެވެ.
ެެއެޗްޑީސީން ބުނީ މި ޕްރޮގުރާމުގައި ބައިވެރިވުމަށް މި އަހަރު ހުޅުވާލި ފުރުސަތުގައި 264 ބައިވެރިން ފޯމު ހުށަހަޅާފައިވާއިރު، އެ ހުރިހާ ފަރާތްތަކަށް ވަނީ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ކަމަށެވެ.
އެކި ބެޗުތަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ޕްރޮގުރާމު މި މަހުގެ ފަސްވަނަ ދުވަހު ވަނީ ފަށާފައެވެ.
އެޗްޑީސީން ބުނީ އެ ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ.
އެގޮތުން، 2023 ވަނަ އަހަރު މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މި އަހަރުގެ ތަމްރީނުތަކުގެ ދާއިރާ ވަނީ އިތުރަށް ފުޅާކޮށްފައި ކަމަށް އެޗްޑީސީން ބުނެއެވެ.
އެގޮތުން، ޑޮމެސްޓިކް އެޕްލައެންސަސް މަރާމާތުކުރުމުގެ ތަމްރީނުތަކުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރަން ދަސްކޮށްދިނުމަށް މި އަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ހިމަނާފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އަދި މި ޕްރޮގުރާމު ފުރިހަމަކުރާ ހުރިހާ ބައިވެރިންނަށްވެސް ސެޓްފިކެޓު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ އެމްއައިޓީއާއި އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިފަދަ ތަމްރީނުތަކުގެ ސަބަބުން އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތްތަނުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި ކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ރާވާފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.