ފިނޭންސް މިނިސްޓަރުކަމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވީ އޭނާއާ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙަވާލުކުރެއްވި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެއްވުމަށްފަހު، ޝަރަފުވެރި ކަމާއެކު ކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ޒަމީރުގެ އާއިލީ ބޭފުޅެއް ކަމަށްވާ ރިޔާޒް ރަޝީދު މިހެން ވިދާޅުވީ "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން، ފިނޭންސް މިނިސްޓަރުގެ މަގާމުން މިއަދު އިސްތިއުފާދެއްވި މޫސާ ޒަމީރުގެ އިސްތިއުފާއަށް އިޝާރަތްކުރައްވާ ރިޔާޒް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި ސަރުކާރާ އިންޑިއާ ސަރުކާރާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން އެ މަނިކުފާނު ފޮރިން މިނިސްޓަރަކަށް ހުންނަވައިގެން ހަމަޔަކަށް އަޅުވައި، ކުރިން ވެސް ރާއްޖެއާ ދޭތެރޭ އޮތް ފަދަ އިޙުތިރާމްގެ ގުޅުމެއް އުފެއްދެވުމަކީ މިނިސްޓަރުގެ މަގާމުގައި ޒަމީރު ހޯއްދެވި ފާހަގޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.
އޭގެ ފަހުން ޒަމީރު ފިނޭންސް މިނިސްޓަރުކަމާ ޙަވާލުވެ ވަޑައިގެންނެވި އިރު އެ މިނިސްޓްރީ އޮތް ޙާލަތު ރާއްޖޭގެ ގިނަ ބަޔަކަށް އިޙްސާސް ކުރެއްވޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި އޭރު އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި ބޭރުގެ ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ރާއްޖެ ބަނގުރޫޓް ވެދާނެ ކަމަށް ބުނެ، ދެމުންއައި އިންޒާރުތައް މިއަދުވެސް ހަނދާނަށް އަންނަ ކަމަށް ރިޔާޒު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ދައުލަތުގެ ހަރުމުދާ ނުވިއްކައި، ބޭރުގެ އެއްވެސް ފަރާތަކުން އިތުރު ދަރަންޏެއް ނުނަގައި ރައްޔިތުންނަށްދޭ އަސާސީ އެއްވެސް ޚިދުމަތެއް މެދު ކަނޑާނުލައި، އެތެރެއާއި ބޭރަށް ދައްކަންޖެހޭ އެއްބިލިއަން ޑޮލަރުގެ ލޯނު ދައްކައި، ޚަލާޞްކުރުމަކީ ޒަމީރުގެ ގާބިލްކަން ކަށަވަރުކޮށްދޭ މުހިންމު ކާމިޔާބެއް ކަމުގައި ރިޔާޒު ފާހަގަކުރެއްވި އެވެ.
ރިޔާޒް ވިދާޅުވީ އެކަމަކީ މި ސަރުކާރަށް ކުރެވޭނެ ކަމެއްކަމަށް ގަބޫލުކުރި އެކަކުވެސް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ ކަމަށާއި، މި ބޮޑު ކާމިޔާބީ ދިވެހި ރައްޔިތުންނަށް ޙާޞިލުކޮށްދެއްވުމަށް ފަހު ޒަމީރު އިސްތިއުފާ ދެއްވީ ރީތިގޮތުގައި ޝަރަފުވެރިކަމާއެކުގައި ކަމަށެވެ.
މީގެއިތުރުން، ޒަމީރު އިސްތިއުފާ ދެއްވީތީ ހިތާމަކުރައްވައި، އަދި އޭނާ ހޯއްދެވި ގިނަ ކާމިޔާބީތަކާމެދު ނުހަނު އުފާވެސްކުރައްވާ ކަމުގައި ފާހަގަކުރައްވަމުން ރިޔާޒު ވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައިި ޒަމީރު ކުރެއްވި އިޚްލާޞްތެރި ބުރަ މަސައްކަތަށް ޝުކުރު ދަންނަވާފަ އެވެ.
ރިޔާޒްގެ ޕޯސްޓު ނިންމަވާލައްވާފައި ވަނީ މޫސާ ޒަމީރަށް މާތްالله އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވައި، ފުރިހަމަ ޞިއްޙަތަކާއި ދިގު ޢުމުރުފުޅެއް ދެއްވުމަށް އެދި ދުޢާކުރައްވަމުންނެވެ.