ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އަށް ޗީފް އެގްޒެކެޓިވް އޮފިސަރަކު ހޯދަން އިއުލާނުކޮށްފި އެވެ.
އެންޑީއޭ އިން ކުރި އިއުލާނެއްގައި ވަނީ އެ އެޖެންސީގެ ސީއީއޯ މަގާމަށް ޝައުގުވެރިވާ ނަމަ އަންނަ ޖުލައި 8 ވާ ބުދަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން recruitment@nda.gov.mv އަށް އެޕްލިކޭޝަން ފޯމާއި ތައުލީމީ ސެޓްފިކެޓުތައް ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެ އެޖެންސީއަށް ސީއީއޯ އެއް ހޯދަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
ެއެގޮތުން އެ މަގާމަށް ކުރިމަތިލާން ކަނޑައެޅި މުއްދަތުގެ ތެރޭގައި އެ އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަންނާނެ ކަމަށްވެސް އެންޑީއޭ އިން ބުނެފައި ވެއެވެ.
އެ އެޖެންސީގެ ސީއީއޯގެ އަސާސީ މުސާރައަކީ 23,935ރ. އެވެ. އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 28,095ރ. ލިބޭނެއެވެ.
އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި
ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ނުވައެއްގެ ސަނަދަކަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށް ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން ދެ އަހަރު މަސައްކަތްކުރުން ނުވަތަ
އެ އިން ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ނުވައެއްގެ ސަނަދެއް ހާސިލްކޮށް ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން ފަސް އަހަރުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެ އިން ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް އަށެއްގެ ސަނަދެއް ހާސިލްކުރުމާ އެކު، ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން ހަތް އަހަރު ދުވަހުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެ އިން ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ހަތެއްގެ ސަނަދެއް ހާސިލްކުރުމާއެކު ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މީގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ނުވަތަ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށެއް ނުވަތަ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެއް ނުވަތަ މީހަކު މެރުމުގެ ކުށެއް ނުވަތަ ޓެރަރިޒަމް އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެއެވެ.