ފެނަކައަށް ބޭނުންވާ ސާމާނު ހޯދުމުގައި މީގެ ކުރިން ހަދާފައިވާ ގޯސްތައް ތަކުރާރުވިޔަނުދީ، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެކަންކަން ކުރިއަށްގެންދިއުމަށް އެ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޕޮލިސީއަށް ބަދަލުތަކެއް ގެނެސްފިއެވެ.
މިކަންހާމަކޮށްފައި ވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން އެވެ.
އަފީފް ވިދާޅުވީ ފެނަކަ ކުންފުންޏަކީ މަދު ރަށެއް ފިޔަވައި ރާއްޖޭގެ އުތުރާއި ދެކުނަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުޏެއް ކަމަށެވެ.
އެގޮތުން އެ ކުންފުނީގެ މަސައްކަތްތަކަކީ ފަންނީ މަސައްކަތްތަކެއް ކަމުން އަބަަދުވެސް ކުންފުނީގެ އެކި ވަސީލަތްތައް ބެލެހެއްޓުމަށާއި އެކި ކަންކަން ކުރުމަށް އެކި ސާމާނު ހޯދާކަމަށާއި ނަމަވެސް ކުރީގެ މެނޭޖްމެންޓުތަކުން އެ ކުންފުންޏަށް ތަކެތި ހޯދުމުގައި އެކަށީގެންވާ މިންވަރަށް ބަލާފައި ނުވާކަން ފާހަގަވެފައިވާ ކަމަށެވެ.
އަދި ފެންވަރު ރަނގަޅު ސާމާނު ހޯދަން އެންމެ އެކަށީގެންވާ ފަރާތްތަކާއި ހަވާލުކުރެވޭކަން ޔަޤީންކުރަން ޖެހޭ ކަމަށާއި މާޒީގައި މިގޮތަށް މަސައްކަތް ކުރުމުން ކުންފުންޏަށް ފައިދާވާން އޮވެމެ ގެއްލުންވާ ގޮތަށް ކަންކުރެވިފައިވާ ކަމަށް އަފީފް ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން އެކަން ކުންފުނީގެ އޮޑިޓްތަކުން ފެންނަން އޮތް ކަމަށްވެސް އަފީފް ވިދާޅުވިއެވެ.
މިސާލަކަށް މެނުފެކްޗަރަރ އަތުން ތަކެތި ހޯދުން އެއީ އެންމެ ރަނގަޅު ގޮތްކަން ފާހަގަކުރައްވާ އަފީފް ވިދާޅުވީ މެނުފެކްޗަރަރ އަތުން ތަކެތި، ސީދާ ނުހޯދޭނަމަ ރަނގަޅު ކުންފުންޏެއް އަތުން ތަކެތި ހޯދަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ދަންނަ ފަންނީ ތަޖުރިބާ ހުންނަ ބައެއްގެ އަތުން ތަކެތި ހޯދާ ކަމުގައި ވާނަމަ، ރަނގަޅު ތަކެތި ހޯދޭނެ ކަމަށް ފާހަގަކުރައްވާ އަފީފް ވިދާޅުވީ މީގެ ކުރީގައި ގިނަ ފަހަރަށް ތަކެތި ހޯދިފައި ހުރީ އެންމެ ރަނގަޅު ތަންތަނަކުން ނޫން ކަމަށެވެ.
މީގެ ކުރިން އެ ކުންފުނީގެ ޕްރޮކިއުމެންޓުގެ ތެރެއިން ކުންފުންޏެއްގެ ޝަރުތުތައްްވެސް ހަމަނުވާ ތަންތަނުންވެސް ޚިދުމަތް ހޯދާފައި ހުރިކަން ފާހަގަވާކަމަށް އަފީފް ވިދާޅުވިއެވެ.