ޕެންޝަން އޮފީހުގެ ބޯޑަށް މެމްބަރުން އައްޔަން ކުރާނެ ގޮތުގެ އުސޫލެއް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮޮފީހުން އެކުލަވާލައިފިއެވެ.

އެ އުސޫލުގައި ބުނީ ބޯޑުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި، ބޯޑަށް އައްޔަންކުރަން ފެންނަ މީހުންނާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާނީ ނޮމިނޭޝަން ކޮމިޓީއަކުން ކަމަށެވެ.

އެ ބޯޑަށް މެމްބަރުން އައްޔަންކުރަން ޖެހޭ ކޮންމެ ފަހަރަކު އެކުލަވައިލާ ކޮމިޓީގައި ފަސް މެންބަރުން ތިބޭނެއެވެ.

އެ ފަސްމެންބަރުންނަކީ، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ހިމެނޭހެން، ސެކިއުރިޓީސް މާކެޓު ރެގިއުލޭޓަރުގެ އިސް މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފެއް އަދި ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވާ މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފެއްގެ އިތުރުން، ވަޒީފާއާ ބެހޭ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވާ މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފެކެވެ.

އެ އުސޫލުގައި ވާގޮތުން، ބޯޑުގެ ޗެއާޕާސަން އަދި ޕްރައިވެޓް ސެކްޓަރަށް ނިސްބަތްވާ މެމްބަރުންގެ މަގާމު ފުރާ މީހުންގެ ދައުރު ހަމަވުމުގެ މަދުވެގެން 2 މަސް ކުރިން އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއުލާންކުރަން ޖެހޭއިރު، ބޯޑު މެމްބަރަކު އިސްތިއުފާ ދީފި ނަމަ ނުވަތަ އެހެން ސަބަބަކާ ހުރެ ބޯޑުގެ މަގާމެއް ހުސްވެއްޖެ ނަމަ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެ މަގާމަކަށް ކުރިމަތިލާން ހުޅުވާލަން ޖެހޭނެ އެވެ.

ހަމައެހެންމެ ޗެއާޕާސަން އަދި ޕްރައިވެޓް ސެކްޓަރުގެ މަގާމުތަކަށް މެމްބަރުން އައްޔަންކުރަން ނޮމިނޭޝަން ކޮމިޓީން ރައީސަށް ނަން ފޮނުވާއިރު، ކޮންމެ މަގާމަކަށް މަދުވެގެން 2 އަދި ގިނަވެގެން 3 ކެންޑިޑޭޓުންގެ ނަން ފޮނުވަން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.

މިނިސްޓްރީތަކުން ބޯޑަށް އައްޔަންކުރަން ފޮނުވާ ނަންތަކުގެ ތެރެއިން ނޮމިނޭޝަން ކޮމިޓީން އިވެލުއޭޓު ކުރުމަށްފަހު ރައީސަށް ފޮނުވަން ޖެހެނީ ކޮންމެ މިނިސްޓްރީއަކުން މަދުވެގެން އެއް ނަމެވެ. އަދި ނޮމިނޭޝަން ކޮމިޓީން އިވެލުއޭޓުކުރާ ކެންޑިޑޭޓުގެ ގާނޫނީ ޝަރުތު ހަމަވާކަން ކަށަވަރުކުރާނީ ސެކިއުރިޓީސް މާކެޓް ރެގިއުލޭޓަރެވެ.

މީގެ އިތުރުން ނޮމިނޭޝަން ކޮމިޓީގެ މެމްބަރަކު ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ސިޓިން އެލަވަންސްގެ ގޮތުގައި 1،500 ރުފިޔާ ޕެންޝަން އޮފީހުން ދޭން ޖެހޭނެ ކަމަށްވެސް އެ ގަވާއިދުގައި ވެއެވެ.

އެ އުސޫލު އެކުލަވާލާ ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ.