މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ ހިދުމަތް މެދުވެރިކޮށް 162 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
2024 ވަނަ އަހަރުގެ މެއި މަހު ފެށި ސީ-ޓު-އެއަރ ކާގޯ ހިދުމަތަކީ ރާއްޖެއަށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްޕީއެލް، އެމްއޭސީއެލް، ކަސްޓަމްސް އަދި އެމްއެސްއެސް ގުޅިގެން ފަށާފައިވާ ހިދުމަތެކެވެ.
އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން ފަސް އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ ހަތް ގައުމަކަށް ވަނީ، 162 ޓަނުގެ މުދާ ފޮނުވާފައެވެ. މިއީ ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ 29 ޓީއީޔޫސް އެވެ.
މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މުދާ ފޮނުވާފައިވަނީ ގަތަރު އެއާވޭސް، އިއްތިހާދު އެއާވޭސް، ސައުދިއާ، ސްވިޒް އެއާ އަދި ޓާކިޝް އެއާލައިނުންނެވެ. އަދި މުދާ ފޮނުވި ގައުމުތަކަކީ އިޓަލީ، އެމެރިކާ، ޖަރުމަނު، އަޔަލެންޑް، އަދި ޕޯޗުގަލްގެ އިތުރުން ސްޕެއިން އާއި ފްރާންސް އެވެ.
ސީ-ޓު-އެއަރ ކާގޯ ހިދުމަތަށް ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާއި، މި މަޝްރޫއުއާއެކު އޭޝިއާގެ އެހެން ގައުމުތަކަށް ނުދާ އެއަރލައިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އަންނަމުންދާ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ.
ރާއްޖެއަކީ ބައިނަލްއަގްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރު ކުރާ ގައުމަކަށްވާއިރު، މި ހިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުސަތުތައް ގިނަކަމުގައި ސަރުކާރުން ފާހަގަކުރެ އެވެ.