ވިިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ އަހަރީ އާންމު ޖަލްސާ ބާއްވައި، 2025 ވަނަ އަހަރަކީ ފާއިތުވި އަށް އަހަރުގެ ތެރޭގައި އެ ކުންފުންޏަށް މާލީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އަހަރުގެ ގޮތުގައި ފާހަގަކޮށްފިއެވެ.

09 ޖޫން 2026 ވީ އަންގާރަ ދުވަހު މީރުމާ ހޯލުގައި ބޭއްވި އެ ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުން ވަނީ 2025ގެ އަހަރީ ރިޕޯޓާއި، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ދިރާސާކޮށް ފާސްކޮށްފައެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ 2025 ވަނަ އަހަރު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ސެލްފް ޖެނެރޭޓެޑް އިންކަމްގެ ގޮތުގައި 32.54 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

މި އާމްދަނީ ހޯދާފައި ވަނީ މެންބަރޝިޕް ފީ، ބައިނަލްއަގުވާމީ ފެއަރ އަދި ރޯޑްޝޯތަކުގެ އިތުރުން ޕަބްލިކޭޝަންތަކާއި ކުންފުނީގެ މަންފާއަށް ކުރެވުނު އެެހެނިހެން މަސައްކަތްތަކުން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ފާއިތުވި އަހަރަކީ ފަތުރުވެރިކަން ކުރިއެރުވުމާއި، ކުންފުނީގެ ހިންގުން ހަރުދަނާކުރުމާއި، ބައިނަލްއަގުވާމީ މާކެޓިންގ ހަރަކާތްތައް ފުޅާކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކުރެވުނު އަހަރެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

ފާއިތުވި އަހަރު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މި ލަނޑުދަނޑިއަށް އެންމެ އަވަހަށް ވާސިލުވެވުނު އަހަރު ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ބުނެފައި ވެއެވެ.

"ޓޫރިޒަމް ރިސީޓްސް ނުވަނަ ފަތުރުވެރިކަމުން ލިބުނު ޖުމްލަ އާމްދަނީގެ ގޮތުގައި 5.57 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16.4 އިންސައްތައިގެ ކުރިއެރުމެކެވެ." ވިޒިޓް މޯލްޑިވްސް އިން ބުނެފައި ވެއެވެ.

މި ކާމިޔާބީގައި ފަތުރުވެރިކަމުގެ މުހިންމު މާކެޓުތަކަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރުކުރުމަށް ހިންގުނު އެކި ހަރަކާތްތަކާއި، މަންފާކުރަނިވި ޕާޓްނާޝިޕްތަކާއި، މީޑިއާ އަދި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގުނު އެކި ޕްރޮމޯޝަނަލް ހަރަކާތްތައް ބޮޑު ހިއްސާއެއް އަދާކުރާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޗެއަރޕަރސަން އަބްދުﷲ ޣިޔާސް ރިޔާޒް ވިދާޅުވީ، 2025 ވަނަ އަހަރުގެ ކާމިޔާބީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"2025 ވަނަ އަހަރުގެ ކާމިޔާބީތަކުން ހާމަވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރުގަދަކަމާއި، ސަރުކާރުގެ އިދާރާތަކާއި، ސިނާއަތުގެ ބައިވެރިން އަދި ބައިނަލްއަގުވާމީ ޕާޓްނަރުންނާ ދެމެދު އޮތް ބަދަހި ގުޅުމުގެ އަގުހުރިކަން. ކުންފުނީގެ މާލީ ނަތީޖާ ރަނގަޅުވުމަކީ ވިޔަފާރީގެ ގޮތުން ލިބުނު ކުރިއެރުމެއް ނަމަވެސް، އަޅުގަނޑުމެންގެ އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ ދަމަހައްޓައި، ގައުމުގެ އިގްތިސާދަށް އޭގެ މަންފާ ހޯދައިދިނުން،" ޣިޔާސް ވިދާޅުވިއެވެ.

މި ޖަލްސާގައި ކުންފުނީގެ ހިންގުމަށް ގެނެވުނު މުހިންމު ބަދަލުތަކަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ޖުލައި 2025 ގައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 19/2025 ގެ ދަށުން "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން" ގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން" އަށް ވަނީ ބަދަލުކޮށްފައެވެ.

ފާއިތުވި އަހަރު ބޯޑުގެ 30 ބައްދަލުވުން ބާއްވައި، 70 ބޯޑު ރިޒޮލިއުޝަން 59 ސާކިއުލާ ރިޒޮލިއުޝަން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން، ކުންފުނީގެ ނަން ބަދަލުކުރުމަށާއި ބޯޑުގެ މެންބަރުންގެ އަދަދު ހަތަކުން ނުވަޔަކަށް އިތުރުކުރުމަށް ޚާއްސަ ދެ އާންމު ޖަލްސާއެއް ބާއްވާފައިވެއެވެ.

ބައިނަލްއަގުވާމީ މައިދާނުގައި 2025 ވަނަ އަހަރު ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑު "ވޯލްޑް ޓްރެވަލް އެވޯޑްސް" ގައި ވިދިވިދިގެން ހަވަނަ އަހަރު "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" ގެ ލަގަބު އަދި ވިދިވިދިގެން ދެވަނަ އަހަރު "ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަން" ގެ އެވޯޑް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.

2025 ވަނަ އަހަރު ކުންފުނިން މާކެޓިންގ ހަރަކާތްތަކުގެ ތެރޭގައި؛ 46 ޑެސްޓިނޭޝަން ކެމްޕޭން، 27 ކޮލަބްރޭޝަން ހަރަކާތް، 16 ބައިނަލްއަގުވާމީ ފެއަރ، 14 ފެމިލިއަރައިޒޭޝަން ޓްރިޕް، އަދި ޕަބްލިކް ރިލޭޝަންސްގެ 27 ހަރަކާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައިވެ އެވެ.

އަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު ތިން އަހަރު ދުވަހުގެ ބައިނަލްއަގުވާމީ ޕާޓްނަރޝިޕެއް ގާއިމުކުރުމެވެ.

މީގެ ސަބަބުން ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި 205 މިލިއަނަށްވުރެ ގިނަ ސަޕޯޓަރުންނަށް ރާއްޖޭގެ ބްރޭންޑް އިޝްތިހާރުވެގެންދިޔައެވެ.

މީގެ އިތުރުން އެއަރލައިންތަކާއި، މާލީ އިދާރާތަކާއި، ބައިނަލްއަގުވާމީ ޓްރެވަލް ޕްލެޓްފޯމްތަކާއެކު 11 އިސްތިރާތީޖީ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ސަރުކާރުގެ އިދާރާތަކަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނަށާއި، މެންބަރުންނަށް އަދި މުވައްޒަފުންނަށް، އެފަރާތްތަކުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެ އިޝްތިހާރުކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.