އިއްޔެ ފިލިޕީންސްގެ މިންޑަނާއޯގެ އައްސޭރިފަށަށް އައި ބިންހެލުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް، ފަރޑިނަންޑް ރޮމުލްޑޭޒް މާކޮސް ޖޫނިއަރ އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، އެތައް ބައެއްގެ ފުރާނަ ގެއްލި އަދި ގިނަ ބަޔަކު ޒަހަމްވި މި ނުރައްކާތެރި ބިންހެލުމުގެ ޚަބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށެވެ.
އެ މެސެޖުގައި ރައީސް ވަނީ، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި، ފިލިޕީންސްގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފަ އެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، މީހުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.
ފިލިޕީންސްގެ މިންޑަނާއޯއަށް ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި މި ބިންހެލުމާއި ގުޅިގެން ވަނީ ސުނާމީގެ އިންޒާރުވެސް ނެރެފަ އެވެ. ބިންހެލުމާއި ގުޅިގެން މިހާތަނަށް 30 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.