އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ބައެއް ވޯޓު ފޮށިތަށް ބަހައްޓާ ތަންތަނަށް ބަދަލު ގެނެސްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ، އިންސާފުވެރިކަން ގެއްލޭ ގޮތަށް އިންތިހާބާ ބެހޭ ކޮމިޓީން އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މައްސަލައާ ގުޅިގެނެވެ.

މީކާއިލް ވަނީ މިކަމާ ގުޅިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާއަށް އިއްޔެ ސިޓީއެއް ހުށަހަޅާފައެވެ.

އެ ސިިޓީގައި މީކާއިލް ވިދާޅުވީ، ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓު ފޮށިތައް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ސްކޫލުތަކުގައި ބަހައްޓަން އިންތިހާބާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށާއި، ނަމަވެސް، ހަތަރު ރަށެއްގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ފޮށިތައް ބަހައްޓަން، އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު ނިންމަވާފައިވާ ކަމަށެވެ. އެހެން ކަމުން މީކާއިލް ވަނީ ޝަކުވާއެއްގެ ގޮތުގައި އެކަން ހުށަހަޅުއްވާފައެވެ.

އެ ސިޓީގައި މީކައީލް ބަޔާން ކުރައްވާފައި އޮތް ގޮތުން ހަރުގޭގައި ފޮށިތައް ބަހައްޓަން ނިންމާފައިވަނީ ފ. ފީއަލިލ، އިސްދޫ-ކަލައިދޫ، ލ. މަތިމަރަދޫގެ އިތުރުން ގއ. ވިލިނގިލިގަ އެވެ.

އެހެން ކަމުން މީކާއިލް ވަނީ މި ހަތަރު ރަށުގެ ހަރުގެތަކުގައި އެއްވެސް މަގުބޫލު ސަބަބެއް ނެތި ވޯޓު ފޮށިތައް ބަހައްޓަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި ކަންބޮޑުވުމާ ގުޅިގެން އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ ވޯޓުފޮށި ބަހައްޓާ ތަންތަނަށް ގެނައި ބަދަލުތައް އިއުލާނުކޮށްފައެވެ.

އެގޮތުން މިހާރު އެ ވޯޓު ފޮށިތަށް ބެހެއްޓުމަށް ހަމަ ޖެހިފައި ވަނީ، ފ. ފީއަލި ވޯޓުފޮށި ފ. އަތޮޅު ސްކޫލު، ލ. އިސްދޫ-ކަލައިދޫ ވޯޓުފޮށިތައް އިސްދޫ ސްކޫލާއި އިސްދޫކަލައިދޫ ސްކޫލަށް، ލ. މަތިމަރަދޫ ވޯޓު ފޮށި ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އައްޘާނީ ސްކޫލުގެ އިތުރުން ގއ. ވިލިނގިލި ވޯޓުފޮށި ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ބެހެއްޓުމަށް ހަމަޖައްސާފައެވެ.

މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ އިތުރުން އެ މަގާމަށް ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.