ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަ ޝަމްއާން، މިއަދު މީޑިޔާގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ( މުންދު ) ވިދާޅުވެއްޖެއެވެ.
ޝައްމާންގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއްގެ ހުކުމް އިއްވުމަށް މިއަދު އޮތް މަޖިލީހަށް ވަނުމުގެ ކުރީން ޝައްމާން ވަނީ ނޫސްވެރީންނާއި ބައްދަލުކޮށްފަ އެވެ.
ޝަމްއާން ވަނީ، މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ބިދޭސީން ގެންނަން ނަގާ ކޯޓާ ފީން ވައްކަންކުރި ކަމަށާއި އެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހިއްސާކުރެއްވުމުން ދެއްވީ އިންޒާރު ކަމަށް ތުހުމަތުކުރައްވަފައެވެ.
ޝަމްއާން ވިދާޅުވީ، ބިދޭސީން ގެންނަން ދައްކަންޖެހޭ ކޯޓާ ފީއާއި ވޯކް ޕާމިޓް އެޕްރޫވްކުރަން މިނިސްޓަރު އިހުސާން ހިންގެވި "ޖަރީމާއެއް" އޭނާ ވަނީ ޖަނަވަރީ 16، 2025 ގައި ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްފައި ކަމަށެވެ. އަދި އެ ގޮތުން، ކޮންމެ ކޯޓާއަކުން 8،000 ރުފިޔާ އަދި އެޕްރޫވްކުރާ ކޮންމެ ބަންގްލަދޭޝް މީހަކަށް 1،800 ޑޮލަރު ނަގާ ކަމަށް ޝަމްއާން ތުހުމަތުކުރެއްވިއެވެ.
މި ތުހުމަތުތަކާއި ހެކިތައް ރައީސްއަށް ހުށަހެޅުނު ވަގުތަކީ، އެމަނިކުފާނު ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާގައި ހުންނެވި ވަގުތެއް ކަމަށް ޝަމްއާން ވަނީ ވިދާޅުވެފައެވެ. ޝަމްއާން ވިދާޅުވީ އިހްސާން އާއި ދެކޮޅަށް އޭނާ ޒާތީ ގޮތުން ކަންކަން ކުރާކަމުގެ މައުލޫމާތު ރައީސް އަށް ލިބިލައްވާފައި ވާކަމަށް ރައީސް ވިދާޅުވި ކަމަށާއި، ގާނޫނާއި ގަވައިދާ ހިލާފު އެއްވެސް ކަމެއް ވަޒީރު އިހުސާން ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެ "ލޯޔަލް ވުމަކީ ތިއީ ނޫން" ކަމަށް ވިދާޅުވެފައި ވާކަމަށެވެ.
އެ ވާހަކަތައް ދޮގުކުރައްވާ މުންދު ވިދާޅުވީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.