މިދިޔަ އަހަރުގެ މާޗު މަހު ފުލުހުންގެ އެންޓި ސްކޭމް ސެންޓަރު އުފެއްދި ފަހުން މިހާތަނަށް އެ ސެންޓަރަށް ސްކޭމްގެ 2700 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް، ހެޑް އޮފް އެންޓި ސްކޭމް ސެންޓަރ، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަވީދު ވިދާޅުވީ، ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވެގެން ދިޔައީ 2021 ވަނަ އަހަރުގެ ފަހުން ކަމަށެވެ. ނަމަވެސް 2021 އިން 2024 އާ ހަމައަށް، ފުލުހުންގެ ތެރޭގައި ސްކޭމްގެ މައްސަލަތައް ބެލުމަށް ސެންޓްރަލް ނިޒާމެއް ނެތުމުން، އެ މުއްދަތުގައި ފުލުހުންނަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތައް މަދު ކަމުގައިި ނަވީދު ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް އެންޓި ސްކޭމް ސެންޓަރު ވުޖޫދަށް އައި ފަހުން ފުލުހުންނަށް މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެ، މިހާތަނަށް 2700 މައްސަލަ ހުށަހަޅާފައިވާ ކަމަށް ނަވީދު ވިދާޅުވި އެވެ. އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 33 މިލިއަން ރުފިޔާއަށް އަރާކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެތެރެއިން 37 އިންސައްތަ ފައިސާ ހޯދާފައިވާ ކަމަށް ނަވީދު ވަނީ ވިދާޅުވެފަ އެވެ.

"2025 މާޗު 17 އިން ފެށިގެން މިއަދާ ހަމައަށް 2700 ސްކޭމްގެ މައްސަލަ ރިޕޯޓުކޮށްފަ އެބަވޭ. އެ 2700 މައްސލައިގެ ތެރެއިން އެއީ ޖުމްލަ ގެއްލުިނު ފައިސާގެ އަދަދަށް ބަލާލާއިރު، 33 މިލިއަން ރުފިޔާ. 33 މިލިއަން ރުފިޔާގެ ތެރެއިން އަޅުގަނޑުމެނަށް އިރާދަކުރެއްވީތީވެ، އަޅުގަނޑުމެންނާ މާލީ އިދާރާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން، އޭގެ ތެރެއިން 37 ޕަސެންޓު ފައިސާ އަނބުރާ އެ ގެއްލުނު ރައްޔިތުންގެ އެކައުންޓްތަކަށް ނުވަތަ އަތަށް އަނބުރާ ހޯދަދީފަ މިވަނީ."

އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު

ނަވީދު ވިދާޅުވި ގޮތުގައި، 2021 އިން 2024 އާ ހަމައަށް ރާއްޖޭގެ މާލީ އިދާރާތަކަށް 6000 އަށްވުރެ ގިނަ ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރި އެވެ. އަދި އެ މައްސަލަތަކުގައި 118 މިލިއަން ރުފިޔާ ފޭރިގެންފައިވާއިރު، އޭގެތެރެއިން އަނބުރާ ހޯދިފައިވަނީ އެންމެ ދެ އިންސައްތަ ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަވީދު ވިދާޅުވީ ސްކޭމްގެ މައްސަލަތައް މަދުކުރުމަށް ފުލުހުންނަށް އޭރު ގޮންޖެހުންތަކެއް ހުރި ނަމަވެސް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެނައި އިސްލާހާއެކު، އެފަދަ މައްސަލަތައް މަދުކުރުމަށް މަސައްކަތްކުރުމަށް ފަސޭހަވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އެ އިސްލާހުގެ ދަށުން، ކޯޓު އަމުރަކާ ނުލައި އެކައުންޓްތައް ފްރީޒްކުރުމުގެ ބާރު ފުލުހުންނާއި މާލީ އިދާރާތަކަށް ލިބުމުން، ސްކޭމްގެ މައްސަލަތަކުގައި ފައިސާ އަވަހަށް ހިފެހެއްޓުމުގެ ފުރުސަތު ލިބަފައިވާ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ، އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް، ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުން ދުރުހެލިވުމަށާއި، މުދާ ލިބޭނެކަން އިތުރު ގޮތްގޮތުން ކަށަވަރު ކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އާންމުންނަށް އިރުޝާދު ދީފަ އެވެ.