ހުޅުމާލެ އޮޑިވެރިންގެ ޖަމިއްޔާ އާއި މަސްވެރިންގެ ޖަމިއްޔާގެ ފަރާތުން ހުރި ކަންބޮޑުވުންތައް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއާ ހުޅުމާލެ ދާއިރާގެ ކައުންސިލަރުންނާ ހިއްސާކޮށްފިއެވެ.
މޭޔަރާއީ ޑެޕިއުޓީ މޭޔަރުގެ އިތުރުން ކައުންސިލަރުން ވަނީ މިދިޔަ އާދިއްތަ ދުވަހު ހުޅުމާލޭގެ ވަގުތީ ޑިންގީ ޖެޓީ ސަރަހައްދު ބައްލަވާލެއްވުމަށް އެސަރަހައްދަ ވަޑައިގެންފައެވެ.
މީގެ އިތުރުން މި ދެ ޖައްމިއްޔާގެ އިސްވެރިންނާއެކު، ހުޅުމާލޭގެ ކައުންސިލަރުއިންގެ އިސްނެންގެވުމާއެކު ވަނީ، ހުޅުމާލެ ކައުންސިލްގެ އޮފީހުގައި ބައްދަލުކުރައްވާފައެވެ.
ސިޓީ ކައުންސިލުން ބުނީ، މި ބައްދަލުވުމުގައި ދެ ޖަމިއްޔާގެ ފަރާތުން ވަނީ އެ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި ބޭނުންވާ މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައި ކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ދާއިމީ ބަދަރެއް ނެތުމުގެ މައްސަލަ ކަމަށާއި، ޑިންގީތައް އަޅާފައި އޮންނަ ސަރަހައްދު އަދިރިކޮށް އޮތުމާއި ލޯންޗުތަކަށް ބޭނުންވާ ސަޕްލައި ފެނާއި ތެޔޮ، އެ ސަރަހައްދުން ލިބޭނެ އިންތިޒާމު ނެތުމުން ކަމަށެވެ.
މަސްވެރިންގެ ފަރާތުން އެދިފައިވަނީ މަސްވެރިންގެ ޖަގަހައިގެ މަސައްކަތް ނިންމައިދިނުމަށް ކަމަށް ސިތީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އިރުވާ މޫސުން އަންނަންވާއިރަށް ބޭރު ތޮށި އިތުރަށް ބޭރަށް ނެރެ، ފަޅުތެރެއަށް ރާޅުގެ އަސަރު ނުކުރާނެ ގޮތް ހެދުމާއި، ބޭރު ކަށީގައި ނެރު ބައްތި ޖެހުމަކީވެސް މަސްވެރިންނާއި އޮޑިވެރިންގެ ބޮޑު އެދުމެއް ކަމަށް ސިތީ ކައުންސިލުން ވަނީ ބުނެފައެވެ.
އެގޮތުން ސިޓި ކައުންސިލުން ބުނީ، ޑިންގީތައް މަރާމާތު ކުރުމަށްޓަކައި ފައިބަރު ކުރުމާއި ކުދިކުދި މަސައްކަތްތައް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށާއި، މަސް ގަންނަން އަންނަ މީހުންނަށް އެ ސަރަހައްދަށް ފަސޭހައިން ވަދެވޭނެ އިންތިޒާމެއް ގާއިމުކޮށްދިނުމަށް އެދިފައިފައިވާ ކަމަށް ވެސް ސިޓީ ކައުން ސިލުން ވަނީ ބުނެފައެވެ.
ދެ ޖަމިއްޔާގެ ފަރާތުންވެސް ވަނީ މި ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މޭޔަރުގެ އަރިހުން އެދިފައެވެ.
މި ކަންކަމާ ގުޅޭގޮތުން މޭޔަ އާޒިމް ވިދާޅުވީ، މި މައްސަލަތަކަކީ ސިޓީ ކައުންސިލާއި އެޗްޑީސީ ގުޅިގެން ވީ އެންމެ އަވަހަކަށް ހައްލު ހޯދަންޖެހޭ ކަންކަން ކަމަށެވެ.