އެންމެ ގިނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވި ބޭފުޅާގެ ޝަރަފު ނަރެންދުރަ މޯދީއަށް ލިބިވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ބޮޑުވަޒީރު މޯދީއަށް މަރުހަބާ ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވި ބޭފުޅާގެ ޝަރަފު ހޯއްދެވި ކަމަށްޓަކައި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިޚްލާޞްތެރި މަރުޙަބާއެއް ދަންނަވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއާއި އިންޑިއާއާއި ދެ ޤައުމުގެ މެދުގައި އޮންނަ އިޙްތިރާމާއި، އިސްތިޤްލާލީ ހަމަހަމަކަމާއި، އަދި ދެ ފަރާތުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގެ މައްޗަށް ބިނާކޮށް، އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އުންމީދުކުރައްވާކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ނަރެންދުރަ މޯދީ އައްޔަންކޮށްފައިވަނީ 26 މެއި 2014 ވަނަ އަހަރުއެވެ.

މޯދީ ވަނީ 2014، 2019 އަދި 2024 ވަނަ އަހަރު ޖެހިޖެހިގެން ތިން ދައުރަށް ކާމިޔާބީ ހޯއްދަވާފައެވެ.

އެއާއެކު ޖޫން 10، 2026 އާ ހަމައަށް އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫގެ ރެކޯޑް މުގުރާލުމަށްފަހު, ޖެހިޖެހިގެން 4,399 ދުވަހު އޮފީހުގައި ދެމިހުންނަވައިގެން، އިންޑިއާގެ ތާރީޚުގައި ޖެހިޖެހިގެން އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި އިންތިޚާބީ ބޮޑުވަޒީރުގެ ލަގަބު ހޯއްދަވާފައި ވަނީ ނަރެންދުރަ މޯދީއެވެ.