ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން، އައު ނަރުދަމާއާއި ފެނުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމު މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ، ސެގްމެންޓް 2، 3 އަދި 4ގެ މަސައްކަތްތަށް ކަމަށްވީއިރު، އެ މަސައްކަތްތަކުގެ ތެރެއިން އައު ނަރުދަމާ އަދި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނުމަގުގެ މަސައްކަތުގެ ތެރެއިން އެއްގަމު ތޮށީގެ 463 މީޓަރުގެ ކެޕިން މަސައްކަތާއި، 150 މީޓަރު ކޮންކްރީޓް އެޅުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ.
މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2އިން 5އާއި ހަމައަށް އޮންނަ ސަރަހައްދެވެ. އެއީ، އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަހައްދެވެ.
އެމްޓީސީސީން މަސައްކަތް ކުރަނީ، އަންނަމަހުގެ ކުރީކޮޅު މަގުގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމަށެވެ.