މިނިސްޓަަރު އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ ގީލާ އަލީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކޮން ޝިއަންހުއާ ބައްދަކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޗައިނާއިން ރާއްޖޭގެ ސިއްހީ އަދި އިޖުތިމާއީ ދާއިރާގެ ތަރައްގީއަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ދެއްވަފައެވެ.

މީގެ އިތުރުން ވިލިމާލޭގައި އިމާރާތްކުރުމުންދާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ މަޝްރޫއާއި ކުރިޔަށްގެންދާ މުހިއްމު މަޝްރޫއުތަކުގެ ސަބަބުން ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން ވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު މި ބައްދަލުވުމުގައި މިދާއިރާއިން މީހުން ތަމްރީން ކުރުމާ ގުޅޭގޮތުން ވެސް ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި ވަޒީރު ވަނީ، ޗައިނާ އިން ކޮށްދީފައިވާ އަގުހުރި މުހިއްމު މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.