މިނިސްޓަރު އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ ގީލާ އަލީ ޕިލިޕީންސް އިން ރާއްޖެއަށް ކަނޑައަޅާފައިވާ އައު ސަފީރު ނީނާ ޕަޑީޔަ ކައިންލެޓްއާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމަށާއި، މި ދާއިރާ ތަރައްގީކުރުމަށް މިހާރުވެފައިވާ އެއްބަސްވުންތައް އަލުން މުރާޖާކުރުމާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ.
މީގެ އިތުރުން ޑިޖިޓަލް ހެލްތާއި، މިދާއިރާއަށް ބޭނުންވާ ފަންނީ މީހުން ޕިލިޕީންސުން ހޯދުމާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ތަމްރީނާއި ތައުލީމީ ފުރުސަތު ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.
ހަމަމިއާއެކު އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި، ކުޑަކުދިންގެ ރައްކާތެރިކަން ހިމެނޭހެން އިސްކަންދޭ ދާއިރާތަކަށް ހާއްސަކޮށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވެއެވެ.