ޒުވާނުން ބޭނުންވާ ކޮންމެ މަގާމަކާ ހަމައަށް ދިއުމުގެ މަގު އެމްޑިޕީގެ ތެރެއިން ކޮށާދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އިތުބާރު ކެމްޕެއިން ނިންމާ ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ ކެމްޕެއިނުގެ ތަޖުރިބާ އިން އެކަނިވެސް އިހުސާސް ކުރެވުނީ އެމްޑީޕީގައި ޒުވާނުންނަށް ކުރިމަގު ހޯދަން، ޖާގަ ހޯދަން ކުރަން ޖެހިފައިވާ މަސައްކަތް ކަމަށެވެ.

މީކާއިލް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ އާބާދީގެ 40 އިންސައްތަ އަކީ ޒުވާނުން ކަމަށް ވާއިރު، އެ ޒުވާނުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ މީކާއިލްގެ ޗެއާޕާސަން ކަމުގައި އެ ޒުވާނުންނަށް އެންމެ އިސް މަގާމަށްވެސް ވާސިލްވާން ޖާގަ ހުޅުވާލަދޭނެ ކަން ކަމަށެވެ.

އަޅުގަނޑުގެ ޗެއާޕާސަން ކަމެއްގައި ތިބޭފުޅުން ބޭނުންވާ ކޮންމެ ކޮންމެ މަގާމަކާ ހަމައަށް ދިއުމުގެ މަގު އަޅުގަނޑު އިރާދަ ކުރެއްވިއްޔާ، މި ޕާޓީގެ ތެރެއިން ތިބޭފުޅުންނަށް ކޮށާދޭނަން"

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ ޒުވާނުންނާ، ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުގައި ހައްގު މިންވަރަކީ ސިޔާސީ ލީޑަރުންގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ޕޯސްޓުޖެހުން އެކަނި ނޫން ކަމަށެވެ. އަދި އެންމެ މަތީ މަގާމާ ހަމައަށް ދިއުމުގެ ޖާގަ އެ ޕާޓީ ތަކުން ކަށަވަރު ކޮށްދޭނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް އިތުރަށް ވިދާޅުވީ އޭނާ މި އިންތިހާބަށް ނިކުތީ 2028 އާ ހަމައަށް ދާއިރު، އެމްޑިޕީ އަކީ އެއްބައިވަންތަ ޕާޓީ އެއްގެ ގޮތުގައި ނަގަހައްޓަން ކަމަށެވެ.

އަޅުގަނޑު ހިތުން މި ޕާޓީ އެއްބައިވަންތަ ޕާޓި އެއްގެ ގޮތުގައި އަޅުގަނޑު މެންނަށް ނެގެހެއްޓެން އޮތީ މި އެމްޑީޕީގެ ސިޔާސި ކުޅިބައި އުތުރިފައިވާ ގޮތުގެ ހަގީގަތް ހެޔޮ ހިތުން ގަބޫލުކޮށްގެން."

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީގެ އިތުރުން އޭނާގެ ޗެއާޕާސަންކަމެއްގައި އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑިޕީގައި ހަމަ ހަމަ ފުރުސަތު، ހަމަ ހަމަ ޖާގަ ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީން ކަން މީކާއިލް ވަނީ ދެއްވާފައެވެ.