ޖަޕާނުން އިންޑިއާގެ އަނބު އެތެރެކުރުން މަނާކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ހަމަ އެފަދަ ފިޔަވަޅެއް ނޭޕާލުންވެސް އަޅައިފިއެވެ.
ނޭޕާލުގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވަނީ، އިންޑިއާއިން އެތެރެކުރާ އަނބުގައި ވިހަ މާއްދާތަކެއް ހުރުމުގެ ސަބަބުން، ވަގުތީ ގޮތުން އެ މޭވާ އެތެރެކުރުން މަނާ ކުރުމަށެވެ.
ނޭޕާލުގެ އެގްރިކަލްޗާ ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، މި ފިޔަވަޅު އަޅަން ނިންމީ އިންޑިއާއިން އަންނަ އަނބުގެ ސާމްޕަލްތަކެއް ޓެސްޓު ކުރުމަށްފަހު، އެ ތަކެތީގައި އިންސާނުންގެ ސިއްހަތަށް ގެއްލުން ހުރި ކެމިކަލްތަކެއް ހުރިކަން ފާހަގަކުރެވުމުންނެވެ.
"އާންމު ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް އަމާޒު. މިފަދަ ނުރައްކާތެރި ކެމިކަލްތައް ހުންނަ އުފެއްދުންތައް ބާޒާރަށް ނެރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ނޭޕާލުގެ އޮފިޝަލަކު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޕޯޓަރުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މި މައްސަލައާ ގުޅިގެން އިންޑިއާގެ ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ނަމަވެސް، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ފެންވަރު ކަށަވަރު ކުރުމަށް އިންޑިއާއިން އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ނޭޕާލުގެ މި ނިންމުމާއެކު، އެ ގައުމުގެ ބާޒާރުތަކުގައި އިންޑިއާގެ އަނބުގެ ވިޔަފާރި މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.
މީގެ އިތުރުން މި މައްސަލަ ހައްލުވަންދެން، އެހެން ގައުމުތަކުން މޭވާ އެތެރެކުރުމަށް ނޭޕާލުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ނޭޕާލުގެ ކަމާބެހޭ ފަރާތްތަކުން ސިފަކުރާގޮތުގައި ފިޔަވަޅަކީ އެ ގައުމުގައި ހައްދާ އަނބުގެ ވައްތަރުތަކުގެ ވިޔަފާރިއަށް ފައިދާ ހުރި ފިޔަވަޅެކެވެ. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން ލޯކަލް "ސިއްހަތަށް ފައިދާ ހުރި މޭވާ" އަށް އިތުރު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައި ވެއެވެ.
މިގޮތުން ނޭޕާލް ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ލޯކަލް އުފެއްދުންތެރިކަމަށް އިތުރު ހިތްވަރެއް ލިބި، ރައްޔިތުންނަށް ސިއްހަތަށް ފައިދާހުރި އަދި ރައްކާތެރި އުފެއްދުންތައް ލިބޭނެ ކަމަށްވެސް އެ ފަރާތްތަކުން ހާމަކުރެއެވެ.
މިދިޔަ މަހު ޖަޕާނުންވެސް ވަނީ އިންޑިއާގެ ބައެއް އަނބުގަައި ކެމިކަލްތަކުގެ އަސަރު ހުރިކަމަށް ބުނެ،ވަގުތީ ގޮތުން އިންޑިއާގެ 6 ވައްތަރެއްގެ އަނބު އެ ގައުމަށް އެތެރެކުރުން މަނާކޮށްފައެވެ.
ޖަޕާނުގެ އިންސްޕެކްޝަން ޓީމަކަށް އިންޑިއާގެ އަނބު ވިއްކަން ތައްޔާރުކުރާ ތަންތާގައި ޕްރޮޑަކްޝަންގައި ގަވާއިދާ ހިލާފު ކަންތައްތަކެއް ފެނިފައި ވާތީ މަނާކުރި 6 ވައްތަރުގެ އަނބަކީ ކެސަރ، އަލްފޮންސޯ، ލަންގްރާ، ޗައުސާ،މަލިކާ އަދި ބަންގަނާޕަލީ އެވެ.