ގެއްލިގެން ހޯދަމުންދިޔަ ފުލުހަކު މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި "ޕޮލިސް ލޯންޗް 57" ގައި ޑިއުޓީ ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށެވެ.
އެގޮތުން މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށް ފުލުހުން ބުނެެއެވެ.
މިގޮތުން، އެ ފުލުސް މީހާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، އޭނާ މޫދު އަޑިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ ނިޔާވެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއާ ސާޖަންޓް އަޙްމަދު އާސިފު ކަމަށެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ވަނީ މި މަސައްކަތުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށްފައެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.