މިދިޔަ މޭ މަހު ދައުލަތަށް 2.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން މަހުން މަހަށް އާންމު ކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މޭ މަހު އާމްދަނީ ލަފާކުރި މިންވަރަށްވުރެ ދަށެވެ. އެގޮތުން މޭ މަހުގެ އާމްދަނީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މޭ މަހު ދައުލަތަށް ޑޮލަރު އާމްދަނީ ހިމެނޭހެން ޖުމްލަ 2.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.
ޑޮލަރު އާމްދަނީ ގޮތުގައި މިދިޔަ މަހު ލިބިފައިވަނީ 88.54 މިލިޔަން ޑޮލަރު ކަމަށް ވީއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީ އަޅާ ބަލާނަމަ 5.8 އިންސައްތަ ދަށް އަދަދެކެވެ.
އާމްދަނީ ދައްވުމުގައި މޭ މަހު އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 19.5 އިންސައްތަ ދަށްވުމާއި، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ޖީއެސްޓީ އަދި ފަތުރުވެރިކަމުގެ ބިމު ކުލި ބިދޭސީންގެ ކޯޓާ ފީ ދަށްވުން ހިމެނެއެވެ. މީރާއިން ބުނީ މިދިޔަ އަހަރު މޭ މަހު ލީސް އެކްސްޓެންޝަން ފީ އެއް ނުލިބޭ ނަމަވެސް މިއަހަރު އެބައި އާމްދަނީއަށް އިތުރުވެފައިވާ ކަމަށެވެ.
މޭ މަހު ލިބުނު އާމްދަނީއަށް މިދިޔަ އަހަރާއި އަލާބަލާއިރު ބޮޑު ފަރަގެއް އައިސްފައި ނުވިނަމަވެސް، މިއަހަރު މޭ މަހުގެ އާމްދަނީ 0.3 ދައްވާނެކަމަށް މީރާއިން ލަފާކޮށްފައިވެއެވެ.
މީރާއިން ބުނީ މީގެ އެންމެ ބޮޑު ސަބަބަކީ މިހާރު މެދު އިރުމަތީގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުން ކަމަށެވެ.
ލަފާކުރި އަދަދަށްވުރެ އާމްދަނީ ދަށްވުމުގައި މިދިޔަ އަހަރު މޭ މަހާއި އަޅާބަލާއިރު ދަށްވި ސަބަބުތައް މީރާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޖީއެސްޓީ އަދި ފަތުރުވެރިކަމުގެ ބިމު ކުލި ބިދޭސީންގެ ކޯޓާ ފީ ދަށްވުން މީރާއިން ވަނީ ފާހަގަކޮށްފައެވެ.
މީރާއިން ބުނީ މިމަހުގެ ލިބުނު އާމްދަނީގެ 13.8 އިންސައްތަ އަކީ، މީގެ ކުރިން މަސްތަކުގައި ދައްކަން ޖެހޭ މުއްދަތު ފަހަނައެޅުމަށްފަހު ދައްކާފައިވާ ފައިސާ ކަމަށެވެ. އަދި އާމްދަނީގެ 21.9 އިންސައްތަ އަކީ، މީރާގެ އިސްނެގުމަށް ކުރި މަސައްކަތުން އާމްދަނީގެ ތެރެއިން ނުލިބި ހުރި ފައިސާ ކަމަށް އެއިދާރާއިން ހާމަކުރެއެވެ.
މީގެ އިތުރުން މީރާއިން ވަނީ މިދިޔަ މޭ މަހު މީރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން އެއިދާރާއިން ކުރި މަސައްކަތުން 382 މިލިޔަން ރުފިޔާ ހޯދާފައިވެއެވެ. އޭގެ ތެރޭގައި ނޯޓިސް ފޮނުވައިގެން 242.13 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، ޑިއުސް ކްލިއަރެންސްގެ ތެރެއިން 68.19 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
އިންސްޓޯލްމެންޓް އުސޫލުން ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ފަރާތްތަކުން ދެއްކި 58.98 މިލިޔަން ރުފިޔާއާއި، ފޯން އަދި އީމެއިލް މެދުވެރިކޮށް ހަނދުމަކޮށްދީގެން ހޯދި 9.24 މިލިޔަން ރުފިޔާވެސް ހިމެނެއެވެ. އަދި ފިޔަވަޅު އަޅައިގެން 3.40 މިލިޔަން ރުފިޔާ ހޯދާފައިވެ އެވެ.
މީރާގެ އާމްދަނީގެ ބޮޑު ބައެއް މިދިޔަ މޭ މަހު ހިއްސާ ކުރީ ޓެކްސް އާމްދަނީ ކަމަށް ވީއިރު، ޓެކްސް އާމްދަނީގެ ތެރެއިން 1.15 ބިލިޔަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާކަމަށް މީރާއިން ބުނެއެވެ. މިއީ އާމްދަނީގެ 56.3 އިންސައްތަ އެވެ. އާމްދަނީން ނަގާ ޓެކްހުގެ ގޮތުގައި، 234 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސް އާމްދަނީ 6.8 އިންސައްތަ ހިއްސާކުރާއިރު، 139 މިލިޔަން ރުފިޔާ ގްރީން ޓެކުހުން ދައުލަތަށް ލިބިފައިވެ އެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މޭ މަހު 158 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ޑިޕާޗާ ޓެކުހުގެ ގޮތުގައި 156 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 7.1 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މީރާއިން ދަނީ ގަވާއިދުތަކުގެ ތެރެއިން ނުލިބި ހުރި އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.