މައި ކިއު ސްޓަޑީ އިން އިންތިޒާމު ކޮށްގެން ކުރިއަސް ގެންދާ ސްޓަޑީ ފެއާ 2026، މި މަހު 18 އިން 20 އަށް ބާސެލޯ ނަސަންދުރާ ގައި އޮންނާނެ ކަމަށް މައި ކިއު ސްޓަޑީ އިން ބުނެފިއެވެ.
މައި ކިއު ސްޓަޑީ އިން މީސްމީޑިއާގައި އާންމުކޮށްފައިވާ ގޮތުގައި ސްޓަޑީ ފެއާ 2026 މި މަހު 18 އިން 19 އަށް އޮންނާނީ ހަވީރު 17:00 އިން ރޭގަނޑު 22:00 އަށެވެ. އަދި 20 ވަނަ ދުވަހު އޮންނާނީ އިރުއޮއްސި 18:00 އިން ރޭގަނޑު 22:00 އަށް ކަމަށްވެސް ބުނެފައިވެ އެވެ.
ސްޓަޑީ ފެއާ 2026 އަކީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ އިވެންޓެއް ކަން ފާހަގަކޮށް މައި ކިއު ސްޓަޑީ އިން ބުނީ މި ފެއާގެ ތެރެއިން ޔުނިވަސިޓީތަކުގެ މަންދޫބުންނާ ސީދާ ބައްދަލުކޮށް، ތައުލީމީ ފުރުސަތުތަކާ ބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން، ތަޖުރިބާކާރު ކައުންސިލަރުންގެ ފަރާތުން ކުރިއަށްދާނެ ދާއިރާއާ ގުޅޭ ފަންނީ އިރުޝާދު ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން މި ފެއާގެ ބައިވެރިންނަށް ލިބިގެންދާނެ ފުރުސަތުތަކަށް ބަލާލާއިރު، ބޭރުގެ ޔުނިވަސިޓީތަކުގެ މަންދޫބުންނާ ސީދާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުން، ކެރިއަރ އަދި ތައުލީމީ ދާއިރާއާ ގުޅޭގޮތުން ހާއްސަ އިރުޝާދު ހޯދުން، ކިޔަވަންދާނެ ގައުމުތަކާއި ކޯސްތަކުގެ ފުރުސަތުތައް ބަލާލުން، އެޑްމިޝަން، ސްކޮލަރޝިޕް އަދި ދަރިވަރުންގެ ދިރިއުޅުމާ ގުޅޭ ސުވާލުތަކަށް ޖަވާބު ހޯދުން، އަދި ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކާއި، ވިސާ ފީ މާފުކޮށްދިނުމުގެ ހާއްސަ ފުރުސަތުތައް ހޯދުން ހިމެނެއެވެ.
ފުރަތަމަ ޑިގްރީ ނުވަތަ މާސްޓާސް ފަދަ މަތީ ތައުލީމަށް ތައްޔާރުވަމުންދާ ދަރިވަރުންނަށްވެސް، ސްޓަޑީ ފެއާ 2026 އިން ލިބިގެންދާ މައުލޫމާތުތަކަކީ ތައުލީމީ މުސްތަގުބަލާ މެދު ހަރުދަނާ ނިންމުންތަކެއް ނިންމުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް މައި ކިއު ސްޓަޑީ އިން ބުނެއެވެ.