ޗައިނާ-ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

މި މަހުގެ 10 އިން 12 އަށް ކުރިއަށްދާ 7 ވަނަ ޗައިނާ-ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ވެރިކަންކުރާ ރަށް ކަމަށްވާ ކުންމިންގ ސިޓީގައެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ފޯރަމަކީ ސަރަޙައްދީ ތަރައްޤީއާއި އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

މިނިސްޓަރު އިރުތިޝާމް އާދަމްގެ މި ދަތުރުފުޅުގައި، ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ޚާއްޞަ ތަޤުރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ބާއްވާ 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ އެޖެންޑާގައިވާ އެހެނިހެން މުހިންމު ކަންކަމަށް ބަލާއިރު، ޔުނާން ޕްރޮވިންސްގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުން ހިމެނެއެވެ.

ހަމައެހެންމެ، ޔުނާން ޕްރޮވިންސްގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ކުދިންގެ ކިޔެވުމުގެ ކަންކަމާއި ހާލަތު އޮޅުންފިލުއްވުމަށްވެސް މިނިސްޓަރުގެ މި ދަތުރުފުޅުގައި ވަނީ ތާވަލުކުރެވިފައެވެ.