ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގްގައި ބާއްވާ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ 2026ގައި ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތް ވިޒިޓް މޯލްޑިވްސްއިން ފަށައިފިއެވެ.
ވިސިޓް މޯލްޑިވްސް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މި މަސައްކަތް ކުރިއަށްދަނީ އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެންކަމަށެވެ.
މިމަހުގެ 11 އިން 16އަށް ބާއްވާ މި އެކްސްޕޯއަކީ ސަރަހައްދުގައި ބައިނަލްއަގުވާމީ ވިޔަފާރިއާއި ކަސްޓަމަރުންނަށް އަމާޒުކޮށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށް ވިއިރު، މި އެކްސްޕޯގެ ތެރެއިން އިގްތިސާދީ ވުޒާރާއިން ވަނީ ދިވެހި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މި ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ އަމިއްލަ އުފެއްދުންތަކާއި، ހިދުމަތްތައް އަދި ތަފާތު ތަޖުރިބާތައް ދުނިޔެއަށް ދައްކާލުމަށް މަގުފަހިކޮށްދީފައެވެ.
އެގޮތުން މި އެކްސްޕޯ ގައި ރާއްޖޭގެ ވަފުދުގައި މިފްކޯ، އޮތެންޓިކް މޯލްޑިވްސް، ލަވް މީ، އަންބަލަންގެ، އެރީނާ މޯލްޑިވްސް އަދި ވީވާ ޓްރިޕްސްއިން ބައިވެރިވާނެ ކަމަށް ވިސިޓް މޯލްޑިވްސް އިން މައުލުމާތުދެއެވެ.
ވިސިޓް މޯލްޑިވްސް އިން ބުނީ މިއީ މި ސަރަހައްދުގައި ބާއްވާ ވިޔަފާރީގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވުމާއެކު، ޗައިނާ އާއި ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި، ސިނާއަތުގެ އިސް ފަރާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާއާ ގުޅުން ބަދަހިކުރުމަށް ރާއްޖެއަށް މުހިންމު ފުރުސަތުތަކެއް މިކަމުގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ.
ވިޒިޓް މޯލްޑިވްސްއިން ދަނީ މި އެކްސްޕޯގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ދާއިރާތައް ގިނަ އަދަދެއްގެ ބަޔަކަށް ތައާރަފްކޮށް، ރާއްޖެއަކީ ހުރިހާ ފަންތިއެއްގެ ފަތުރުވެރިންނަށްވެސް އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރަމުންނެވެ. ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކާއި، ބުޓީކް ހޮޓާތަކާއި، ލޯކަލް ޓޫރިޒަމް، ވޯޓަރ ސްޕޯޓްސްގެ އިތުރުން ރާއްޖޭގެ މުއްސަނދި ސަގާފަތާ ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ.
ރާއްޖޭގެ ޕެވިލިއަން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރީތި މަންޒަރުތަކާއި، ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ގޮތަށެވެ. މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ އިޝްތިހާރުތައް ބަލާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސަގާފަތާއި މެހެމާންދާރީ ދައްކުވައިދޭ އެކި ހަރަކާތްތަކުގައި ބައިވެރިވެވޭނެއެވެ.
މީގެއިތުރުން، މި ސްޓޭންޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސަރަހައްދީ ފަތުރުވެރިކަމުގެ އިސް ބޭފުޅުންނާ ގުޅުން ބަދަހިކުރުމަށް ހުޅުވާލެވިފައިވާ މުހިންމު މަރުކަޒެއް ކަމަށްވެސް ވިސިޓް މޯލްޑިވްސް އިން ބުނެއެވެ.
ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު މާކެޓަކަށްވާއިރު، ސީއެސްއޭއީ 2026 ގައި ބައިވެރިވުމަކީ ރާއްޖޭގެ މާކެޓު ހިއްސާ ދެމެހެއްޓުމަށާއި، އޭޝިއާގެ މުހިންމު މާކެޓުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށްވެސް ވިސިޓްމޯލްޑިވްސް އިން ބުނެފައިވެއެވެ.