ޑިއުޓީގައި ހުއްޓާ ނިޔާވި ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަޙްމަދު ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްޙޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ މަގާމުގެ ވާޖިބު އަދާކުރެއްވުމަށް، ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވި ހަބަރު އަޑުއެއްސެވީ ފުންހިތާމައާއެކުގައި ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މަރްޙޫމުގެ ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުޢާކުރައްވާ ކަމަށާއި އެ ޢާއިލާއަށާއި ދިވެހި ފުލުހުންނަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް އަޙްމަދު ޢާޞިފް ލެހެއްޓެވުމަށް ދުޢާ ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުން ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ހަރަކާތްތެރިވަމުންދަނިކޮށެވެ.

އެގޮތުން އެ ލޯންޗުގައި ތިބި ފުލުހުންގެ ތެރެއިން އަޙްމަދު އާސިފް ގެއްލުނު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން އޭނާ ފެނުނީ މޫދު އަޑިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައުވަނީ އޭނާގެ ހަށިގަނޑު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން ބުނެފައިވާ ކަމަށެވެ.

އަޙްމަދު އާޞިފް ނިޔާވިއިރު ހުންނެވީ ސީނިއާ ސާޖަންޓްގެ މަގާމުގައެވެ. ނަމަވެސް އޭނާގެ މަގާމު މިހާރު ވަނީ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސްއަށް ބަދަލުކޮށްފައެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރައްވަމުންނެވެ.