އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުﷲ ޞާދިގު (ސޯބެ)، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މި މަހުގެ 15 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ޞާދިގު މެންބަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 08:30 ގައި މަޖިލީސް ކުރާ ގޭގައި ކަމަށެވެ.

މި ރަސްމިއްޔާތަށްފަހު ޞާދިގު ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނެއެވެ.

ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި ޞާދިގު އިންތިޚާބު ކާމިޔާބުކުރެއްވީ 1،375 ވޯޓު ހޯއްދަވައިގެންނެވެ.

އަދި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އޭނާ އާ ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު އަށް ލިބިފައި ވަނީ 1،313 ވޯޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން އިތުރު ބަޔަކާއެކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.