މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާ އެކި ހަރަކާތްތަކުގައި އަޑުގަދަވުމުގެ ސަބަބުން، އާންމު ރައްޔިތުންނަށް އުނދަގޫވަމުންދާ މައްސަލައާ ގުޅޭގޮތުން، މާލެ ސިޓީ ކައުންސިލުން މަޝްވަރާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ، ރޭގަނޑު 12:00 ގެ ފަހުން އަޑު ގަދަވުން ހުއްޓުވުމަށާއި، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް އުސޫލުތައް ކަނޑައެޅުމަށް ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އާޓިފިޝަލް ބީޗު ނޫނަސް، އާންމު އެއްވެސް ތަނެއްގައި، ރޭގަނޑު 12:00 ގެ ފަހުން އަޑުގަދަކުރާ ނަމަ އެ ކަން ހުއްޓުވަން ޖެހޭކަމަށެވެ.
މީގެ އިތުރުން އަޑުގަދަ ވުމަކީ ކުޑަ ކުދިންނާއި މުސްކުޅިން އަދި ކިޔަވާ ކުދިންނަށް އުނދަގޫވާ ކަމެއްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އިވެންޓް ބާއްވާ ފަރާތްތަކުން، އަޑުގެ ކޮންޓްރޯލް ބަހައްޓަން ޖެހޭ މިންވަރާއި ގަޑިތައް ކަނޑައެޅިދާނެ ކަމަށެވެ.
މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، ރޭގަނޑު ވަކި ވަގުތެއް ކަނޑައަޅައި އަޑު މަޑުކުރަން އެންގުން މުހިންމު ކަމަށާއި، ރޭގަނޑު ގަޑީގައި މަސައްކަތް ކުރާއިރު ވެސް، މީހުންނަށް އުނދަގޫ ނުވާނެ މިންވަރަކަށް އަޑު ބަހައްޓަންޖެހޭކަމަށެވެ.
މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން ވިދާޅުވީ، މިހާރު ވެސް އަޑުގަދަކުރުމާ ގުޅޭ ގާނޫނެއް އޮންނަ ކަމަށާއި، ރޭގަނޑު 12:00 ޖަހަންދެން އަޑުގަދަކުރާ ބޭނުންކުރެވޭ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ކައިރީގައި އުޅޭ މީހުންނަށް އުނދަގޫވާ ވަރަށް އަޑުގަދަކޮށް ކަންކަން ކުރުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގައި އިވެންޓްތައް ބާއްވާނެ ގިނަ ތަންތަން ނެތްކަން ފާހަގަކުރައްވަމުން، އާޓިފިޝަލް ބީޗު ފަދަ ހާމަ ތަނެއްގައި އިވެންޓް ބާއްވާއިރު ކޮންމެވެސް ވަރަކަށް އަޑު ހުންނާނެ ކަމަށް ވެސް ފުރުޝާން ވިދާޅުވިއެވެ.
އެއްވެސް ކަމަކާ ގުޅިގެން ރޭގަނޑު 12:00 ގެ ފަހުން، އަޑުގަދަކުރާ ބޭނުންކުރާ ނަމަ އަޑު މަޑުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މި ޖަލްސާގައި މަޝްވަރާކޮށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ގާނޫނީ ގޮތުން މިހާރު ވެސް މަނާ ކަމަކަށް ނުވިޔަސް، އާންމުންނަށް ކުރިމަތިވާ އުނދަގޫތައް ކުޑަކުރުމަށް ޓަކައި، މިހާރު އޮތް މިންވަރަށް ވުރެ ބޮޑަށް އަޑު ގަދަކުރުމުގެ ފުރުސަތު ނުދިނުމަށް، ފުރުޝާން ވަނީ މިޖަލްސާގައި ލަފާދެއްވާފައިވާ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
މިކަމާ ގުޅޭ ގޮތުން ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އައިޝަތު ނާޒިމާ، ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ލައިޒާ، މާފަންނު މެދުދާއިރާގެ ކައުންސިލަރު އާއިޝަތު ހަނާ، ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާއީލް ހަލީމް އަދި ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހް ވެސް ވާހަކަފުޅުދެއްކެވިއެވެ.
އާޓިފިޝަލް ބީޗުގައި އަޑުގަދަވާ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް އޮތް ކައުންސިލް ޖަލްސާގައި ގޮތެއް ނިންމުމަށް، ހަމަޖައްސާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.