ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅުނު ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދައިފި އެވެ.
ޕާކިސްތާނުން ތަށި އުފުލާލީ، ރޭ ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އަފްގާނިސްތާނުގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ޕާކިސްތާނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެކަން ފާހަގަކޮށްލެވެ އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޕާކިސްތާނުން ލަނޑުޖެހީ މެޗުގެ 24 ވަނަ މިނެޓުގައެވެ. އެގޮތުން، އޯވަހެޑް ކިކަކުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ޖަހައިދިނީ ޝާޔަކް ދޯސްތެވެ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި، އަފްގާނިސްތާނުގެ އޮމަދު މުސާވީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
އޭގެފަހުން މެޗުގެ 73 ވަނަ މިނެޓުގައި އަފްގާނިސްތާނުގެ އަމީން ނަބީޒާދާ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ، ޕާޖިސްތާނުގެ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.
ޕާކިސްތާނުން ދެވަނަ ލަނޑުޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގަ އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ހާރޫން އައް-ރާޝިދެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕާކިސްޠާނުގެ ފުރަތަމަ ލަނޑުޖަހައިދިން ޝާޔަކް ދޯސްތެވެ. މުބާރާތުގެ ޓޮޕް ސްކޯރަރ އަކަށް ހޮވުނީ ޕާކިސްޠާނުގެ ދެވަނަ ލަނޑުޖަހައިދިން ހާރޫނެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕާކިސްތާނުގެ އޯޓިސް ޖާން މުހައްމަދެވެ.
ހަތަރު ގައުމަކުން ވާދަކުރާ ޑައިމަންޑް ޖުބިލީ މުބާރާތުގެ ތިންވަނަ ޓީމަކީ ބަންގްލަދޭޝް އެވެ. އަދި ރާއްޖެއިން މުބާރާތް ނިންމާލީ އެންމެ ފުލުގަ އެވެ.