ޗައިނާގެ ކުންމިންގ ގައި ކުރިޔަށްދާ 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު އިރުތިޝާމް ވަނީ ތަގުރީރު ކުރައްވާފައެވެ. އެ ކަމަނާގެ ވާހަކަފުޅުގައި ބައިނަލްއަގުވާމީ ސުލްޙަ އާއި ހަމަޖެހުން ގާއިމްކުރުމުގައި މަޝްވަރާ އާއި ޑިޕްލޮމަސީގެ މުހިއްމުކަމާއި މި ކަމުގައި ސަރަޙައްދީ ގުޅުމުގެ މުހިއްމުކަން ފާހަގަކުރެއްވައި ވަޒީރު ވިދާޅުވީ، ބައިނަލްއަގުވާމީ މުޖްތަމައުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމުކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން، ދިވެހިރާއްޖޭއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ވަކިން ހާއްސަކޮށް ދިވެހިރާއްޖެ އާއި ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި އެ ކަމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް ވަޒީރު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ، 10 ވަނަ ޗައިނާ–ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެގްޒިބިޝަން ބައްލަވާލައްވާފައެވެ. އަދި މި އަހަރުގެ އެކްސްޕޯގައި ބައިވެރިވާ ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށް ވެސް ވަޒީރު ޒިޔާރަތް ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރުގެ އަރިހުގައި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބުއާ، އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އާއި، ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤުގެ އިތުރުން ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މިޒްނާ ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.