ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ ) އިން އިންތިޒާމުކޮށްގެން ބާއްވާ މަލްޓި ޕާޕަސް ބިލްޑިންގ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ބިންގާ ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުގީ އަދި ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ފާހަގަކުރެއްވި ގޮތުގައި، މިއަދު އެ ޔުނިވަރސިޓީން ފާހަގަކުރަމުންދަނީ ތާރީޚީ ގޮތުން ނުހަނު މުހިންމު ތިން ކަމެކެވެ.

އެއީ ޔުނިވަރސިޓީ ކައުންސިލްގެ 400 ވަނަ ބައްދަލުވުމުގެ މުނާސަބަތާއި، އެމް.އެން.ޔޫ މަލްޓިޕާޕަސް ބިލްޑިންގގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ އިތުރުން، ޔުނިވަރސިޓީގެ ތާރީޚު ތަދުވީނުކުރުމަށް ކައުންސިލުން ނިންމެވި ނިންމެވުމެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި މި ތިން ހަރަކާތަކީވެސް އެއްކަމެއް އަނެއްކަމާ ގުޅިލާމެހިފައިވާ، ޔުނިވަރސިޓީގެ ތަރައްޤީއާއި ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު ލަނޑުދަނޑިތަކެއްކަން ބަޔާންކުރެއްވިއެވެ.

އެމްއެންޔޫ އިން ބުނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ކައުންސިލްގެ 400 ވަނަ ބައްދަލުވުމަކީ ހަމައެކަނި ތަފާސްހިސާބީ އަދަދެއް ނޫން ކަމަށާއި މިއީ ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި އެ މުއައްސަސާގެ އަމާޒުތައް ކަނޑައަޅުއްވައި، ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ކައުންސިލް މެންބަރުންނާއި، ޗާންސެލަރުންނާއި، ވައިސް ޗާންސެލަރުންގެ އިތުރުން މުވައްޒަފުންނާއި، ދަރިވަރުން އަދި އެ މުއައްސަސާއަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކުން ކުރެއްވި އިޚްލާޞްތެރި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ މުނާސަބަތު ކަމަށެވެ.

މި ފަޚުރުވެރި ކާމިޔާބީ ފާހަގަކުރާ މި ދަނޑިވަޅަކީ ދިވަހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ މުސްތަޤްބަލް އިތުރަށް އުޖާލާކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެގޮތުން، އެމް.އެން.ޔޫ މަލްޓިޕާޕަސް ބިލްޑިންގއަކީ އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، ޢިލްމު ފެތުރުމަށާއި، ޤައުމީ ތަރައްޤީއަށްޓަކައި ކުރެވޭނެ އަގުހުރި އިންވެސްޓްމަންޓެއް ކަމަށް އެ ޔުނިވާސިޓީން ހާމަކުރެއެވެ. އެމްއެންޔޫ އިން ބުނީ މި ޢިމާރާތް ފަރުމާކުރެވިފައިވަނީ ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ޒަމާނީ އެންމެހައި ވަސީލަތްތައް ފުރިހަމައަށް ލިބޭނެ ގޮތަށް ކަމަށެވެ.

އެގޮތުން، ކެންޓީނާއި ރެސްޓޯރެންޓުގެ އިތުރުން ދަރިވަރުންގެ އިޖުތިމާޢީ ހަރަކާތްތަކަށް ޚާއްޞަ ޖާގަތަކާއި، މަލްޓިޕާޕަސް ހޯލާއި، ކްލާސްރޫމްތަކާއި، ސެމިނާރ ރޫމްތަކުގެ އިތުރުން ޢަމަލީ ތަމްރީނުތަކަށް ބޭނުންވާ މަރުކަޒުތައް މި ބިނާގައި ހިމެނެއެވެ.

މީގެއިތުރުން، ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް' އަށް ބޭނުންވާ ޚާއްޞަ ޖާގައާއި، ދިރާސާކުރުމަށް ބޭނުންވާ ޒަމާނީ ލެބޯޓްރީތަކާއި އެކަށީގެންވާ މާޙައުލެއް މި ޢިމާރާތުގައި ވަނީ ތަރައްޤީކުރެވިފައެވެ.

މިއީ ވަކިން ޚާއްޞަކޮށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ފެކަލްޓީތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށާއި އިދާރީ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އޮފީސްތަކާއި ޕާކިންގގެ ޚިދުމަތްވެސް މި ބިނާގައި ފުރިހަމަކުރެވިފައިވާ ކަމަށް އެ ޔުނިވާސިޓީން ހާމަކުރެއެވެ.

މި އިމާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ދަރިވަރުންނާއި މުވައްޒަފުންގެ ބޭނުންތަކަށް ޚާއްޞަ އިސްކަމެއް ދީގެން ފަރުމާކުރެވިފައިވާ ތަނަކަށް ވުމެވެ. މީގެ ސަބަބުން އުނގަންނައިދިނުމާއި، ގުޅިގެން މަސައްކަތްކުރުމާއި، ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމުގެ އިތުރުން، އިލްމީ ދިރާސާކުރުމުގެ ފުރުޞަތުތައް ބޮޑުތަނުން ފުޅާވެގެންދާނެއެވެ. އަދި މިހާރު ކުރިއަށްދާ ޕްރޮގްރާމްތައް އިތުރަށް ތަރައްޤީކޮށް، އައު ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރުމުގެ ޤާބިލުކަން މި މަޝްރޫޢުގެ ސަބަބުން އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، ހުޅުމާލޭގައި ޤާއިމުކުރުމަށް އިޢުލާނުކުރެވިފައިވާ މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލްގެ މަސައްކަތް ނިމެންދެން، ސްކޫލް އޮފް މެޑިސިންގެ ކިޔެވުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް މި އިމާރާތުގެ ސަބަބުން ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.

މިއީ ނިސްބަތުން ބޮޑު މަޝްރޫޢަކަށް ވާތީ، މި މަސައްކަތް ރޭވިފައިވަނީ އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށެވެ. މިއީ މި ބޮޑު ތަޞައްވުރު ދެމެހެއްޓެނިވި ގޮތެއްގައި ޙަޤީޤަތަކަށް ހެދުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫޢަކީ އަތޮޅުތެރޭގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކޮށް، ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމަށް އެމްއެންޔޫ އިން ކުރަމުންދާ މެދުކެނޑުމެއްނެތް މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.