ފުޓްބޯޅައިގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް މިރޭ ފަށާނެ އެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕް 2026 ފަށާނީ ގްރޫޕް އޭގެ މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރާ މެޗުންނެވެ. 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕް ވެސް ފެށީ މި ދެ ޓީމުގެ ކުރިމަތިލުމަކުންނެވެ. އެ މެޗު ނިމުނީ 1-1 އިން ދެ ޓީމު އެވަރުވެގެންނެވެ.
މެކްސިކޯ ސިޓީގެ މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި، ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ހަޖެހިފައިވަނީ ރާއްޖެ ގަނޑިން މިރޭ 10:30 ގަަ އެވެ. އެއަށްފަހު މުބާރާތުގެ ފުރަތަމަ މެޗު ފަށާނީ ދަންވަރު 12:00 ގަ އެވެ.
ފީފާ ރޭންކިންގެ 14 ވަނައިގައި އޮތް މެކްސިކޯ އާއި، ރޭންކިންގެ 60 ވަނައިގައި އޮތް ދެކުނު އެފްރިކާ މިރޭ ބައްދަލުކުރާއިރު، މީގެކުރިން މި ދެ ޓީމު ހަތަރު ފަހަރެއްގެ މަތިން ވާދަކޮށްފައިވެ އެވެ. އޭގެތެރެއިން ދެ މެޗު މެކްސިކޯއިން ކާމިޔާބުކޮށްފައި ވާއިރު، ދެނުކު އެފްރިކާ ވަނީ އެއް މެޗުން މޮޅުވެފަ އެވެ. އަދި އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިރޭގެ މެޗު ބަލަންދާ ސަޕޯޓަރުންނަށް މެޗު ފެށުމުގެ ހަތަރު ގަޑިއިރު ކުރިން ދަނޑުގެ ދޮރުތައް ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ. މި މެޗަށް 80،000 އަށްވުރެ ގިނަ ބެލުންތެރިން ވަންނާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެއިތުރުން، މިރޭގެ ރަސްމިއްޔާތުގައި، މިފަހަރުގެ މުބާރާތަށް ތައްޔާރުކޮށްފައިވާ ވޯލްޑް ކަޕް އަލްބަމްގެ ލަވަތައް ހުށަހަޅާދިނުމަށް ބެލިންޑާ، ބަރނާ ބޯއީޒް، ޑެނީ އޯޝަން، ޖޭ ބަލްވިން، ލީލާ ޑޯންސް، ލޮސް އެންޖަލިސް އަޒުލޭސް، މާނާ އަދި ޝަކީރާ ފަދަ މަގްބޫލް ފަންނާނުންތަކެއް ބައިވެރިވާނެއެވެ.
ޖުމްލަ 48 ޓީމާއެކު ބާއްވާ މި އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ކުރިއަށްދާނީ 12 ގްރޫޕްގެ މެދުގަ އެވެ. ގްރޫޕް ސްޓޭޖަށް ފަހު ދެން ކުޅޭނީ ގަދަ 32 ޓީމުގެ މެދުގައި ކުޅޭ ބުރެކެވެ. އެ ބުރުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމަށާއި، ގްރޫޕްތަކުގެ ތިންވަނަ ޓީމު ތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު އަށް ޓީމަށެވެ.
މިފަހަރުގެ މުބާރާތުގައި ބޭނުންކުރާނީ، ޓެކްނޮލޮޖީގެ ގިނަ ފީޗާސްތަކާއެކު އެޑިޑާސްއިން އުފައްދާފައިވާ "ޓްރިއަންޑާ" ބޯޅަ އެވެ. އެމެރިކާ، މެކްސިކޯ އަދި ކެނަޑާގެ ކުލަތައް ހިމަނައިގެން ތައްޔާރުކޮށްއިވާ މި ބޯޅައިގެ ނަން ވެސް ރަމްޒުކޮށްދެނީ މުބާރާތް ބާއްވާ ތިން ގައުމެވެ.
މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރާ މެޗަށްފަހު، މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އަނެއް ދެ ޓީމު ކަމަށްވާ ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މާދަމާ ހެނދުނު 7:00 ގަ އެވެ.