މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކުރުމަށް އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

އެމްޑީޕީން ކުރިން އިއުލާންކޮށްފައިވާ ގޮތުގައި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ މެންދުރު 14:30 އިން ރޭގަނޑު 20:00 އާ ހަމައަށެވެ. ނަމަވެސް އެ ޕާޓީން މިރޭ ކުރި އިއުލާނެއްގައި ބުނީ ޗެއާޕާސަން އިންތިހާބުގެ ވޯޓުލާ ވަގުތު 20:30 އާއި ހަމައަށް އިތުރުކުރުމަށް ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއީލް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފައްޔާޒް އިސްތިއުފާ ދެއްވުމުން އެ މަގާމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ.

މި އިންތިހާބުގައި އެމްޑީޕީން ވަނީ 241 ވޯޓު ފޮށި ބަހައްޓަން ނިންމާފަ އެވެ. އޭގެ ތެރެއިން 240 ވޯޓުފޮށި ރާއްޖޭގައި ބަހައްޓާއިރު، ސްރީ ލަންކާގައި ވެސް ވޯޓު ފޮއްޓެއް ބަހައްޓާނެ އެވެ.

މި އިންތިހާބުގައި މާލެ އާއި ރަށްރަށުގައި ވެސް ވޯޓު ފޮށިތައް ބަހައްޓާނީ ސްކޫލްތަކުގައެވެ. ކުރިން ރަށްރަށުގެ އެމްޑީޕީ ހަރުގޭގައި ވޯޓު ޕޮށި ބަހައްޓަން ނިންމި ނަމަވެސް، ފަހުން ވޯޓު ފޮށިތައް ސްކޫލްތަކުގައި ބަހައްޓާ ގޮތަށް ބަދަލުކުރީ، އިންސާފުވެރިކަން ގެއްލޭ ގޮތަށް އިންތިހާބާ ބެހޭ ކޮމިޓީން އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ.

މީކާއީލްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މާދަމާގެ އިންތިހާބުގައި 48،912 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭކަމަށް އެމްޑީޕީން ނެރެފައިވާ ދާއިމީ ވޯޓާސް ލިސްޓުން ދައްކައެވެ.