ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ނިމިފައިވާތީ، މާދަމާ ހެނދުނުން ފެށިގެން އާންމުންނަށް ހުޅުވާލާން ނިންމާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ވަނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތުގެ މުއްދަތުގައި، އާންމުން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

‏ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މަރާމާތުކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތައްބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ބައްލަވާލައްވާފައެވެ. ވަޒީރުގެ އަރިހުގައި އެމްޓީސީސީގެ ސީނިއަރ ޖެނެރަލް މެނޭޖަރ އަޙްމަދު ލަޠީފް ބައިވެރިވެވަޑައިގެންނެވިއެވެ.

‏އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ އުތުރުން ޑްރެއިނޭޖް ރަނގަޅުކުރުމުގެ ގޮތުން ފެންހިންދާ ނިޒާމެއް ޤާއިމްކުރުމާއި، މޫދަށް އެރޭ ސަރަޙައްދުގައި މިހާރު ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.