އިންޑިއާ ސަރުކާރުން ރާއްޖެއަށް މީސްލްސް ރުބެއްލާ ވެކްސިންގެ 20 ހާސް ޑޯސްއާއި ސިއްހީ ހިދުމަތުގައި ބޭނުންކުރާ އެކި އާލާތްތައް ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ރަސްމީކޮށް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޖީ. ބާލާސުބްރަމާނިއަން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.

މި އެހީއަކީ ރާއްޖޭގައި ވެކްސިން ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ޓަކައި އިންޑިއާއިން ފޯރުކޮށްދިން މުހިންމު އެހީއެއްކަމަށް އެ ގައުމުން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، މި ތަކެއްޗަކީ، ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިއްސާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަލުވިކޮށް، އާންމު ސިއްހަތަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ވަރުގަދަ ކުރަމުންދާ މުހިންމު ދަނޑިވަޅެއްގައި ލިބުނު އެހީއެއްކަމަށެވެ. އަދި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު ސާމާނުގެ ސަބަބުން، ބަލިތަކުން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، އަދި ބައްޔަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެމް.އާރް ވެކްސިންގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމަށާއި ނުރައްކަލަށް ހުށަހެޅިފައިވާ ފަރާތްތައް ރައްކާތެރިކުރުމަށް މަގުފަހިވާނެ. އަދި ލެބޯޓްރީ ސާމާނު އިތުރުވުމުން، ބަލިތައް ދެނެގަތުމާއި މޮނިޓަރ ކުރުމުގެ މަސައްކަތްތައް އަވަސްވެގެންދާނެ."

ހެލްތު މިނިސްޓަރު ގީލާ އަލީ

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ އާއި އިންޑިއާއަކީ ޒަމާންވީ، ގާތް ގުޅުމެއް އޮންނަ ދެ ޤައުމުކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ. އެގޮތުން މި އެހީއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބާރުލުން ރަމްޒުކޮށްދޭ އިތުރު ހެއްކެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއަކީ ސިއްހީ ދާއިރާގައި ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. މީގެ ކުރިން ވެސް ބޭހާއި، ވެކްސިނާއި، ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމުގެ އިތުރުން، ސިއްހީ ދާއިރާގެ މީހުން ބިނާކުރުމަށް އިންޑިއާއިން ވަނީ ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ.