ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމާއި ގުޅޭގޮތުން އިންޑިއާ އެމްބަސީ އާއި ރާއްޖޭގެ ދައުލަތުގެ ބޭސް ކުންފުންޏާ މަޝްވަރާ ކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކުރި ގޮތުގައި، ދިވެހިރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާލަސުބްރަމާނިއަމާއި ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު, ވަނީ އިއްޔެ ބައްދަލު ކުރައްވާފައިވާފައެވެ.

ހައިކޮމިޝަނުން ބުނީ، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި ސިއްހީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރުން ކަމަށެވެ.

މީގެ ކުރިންވެސް އިންޑިއާއިން ވަނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ތަފާތު އެކި ފަހަރުމަތިން ބޮޑެތި އެހީތަކެއް ވެދީފައެވެ. އަދި ސިއްހީ ކުއްލި ނުރައްކާތަކުގެ ހާލަތްތަކުގައި އަވަށްޓެރި ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ އެއް ޤައުމަކީ އިންޑިއާކަން ފާހަގަކޮށްލެވެއެވެ.