ތިލަފުށީގައި ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު އަމީން މިއާ ނިޔާވުމާ ގުޅިގެން ހައްޔަރުކުރި، އެކްސްކެވޭޓަރު އޮޕަރޭޓްކުރި ސްރީ ލަންކާގެ މީހާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ.
ޕީޖީ އޮފީހުން ބުނީ މިދިޔަ އޭޕްރީލް މަހު އެ ނިންމުން ނިންމީ އަމީން މިއާ މަރުވުމުގައި ޑްރައިވަރުގެ އިހުމާލެއް އޮތް ކަމަށް ނުފެންނާތީ ކަމަށާއި، އަމީން މިއާ އަކީ އޭނާގެ ޑިއުޓީގެ ގޮތުން އެ ވަގުތު އެ ތަނުގައި ހުންނަން ޖެހޭ މީހެއް ނޫން ކަމަށެވެ. އަދި ކުނިގޮނޑަށް އަރައިގެން އުޅޭތީ އެކަމުގައި ނުރައްކާ އޮތުމުން އެފަދަ ކަންކަން ކުރުން ވެމްކޯއިން މަނާ ވެސް ކޮށްފައި އޮތްކަން ޕީޖީން ފާހަގަކުރި އެވެ.
ފުލުހުން ބުނީ ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް ކަމަށެވެ.
އަމީން މިއާ ނިޔާވީ އެކްސްކެވޭޓަރުގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެމީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށް ފުލުހުން މައުލޫމަތުދެއެވެ.
ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.