ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެބަ އޮތް ކަމަށް ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ގައުމަށް ހެޔޮވެރިކަމެއްކޮށްދީ، ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލެއް ގެނެސްދިނުމަށްޓަކައި މަސައްކަތް ކުރަމުން ގެންދަވާކަމަށާއި، އެގޮތުން 2028 ވަނަ އަހަރުގެ އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމަށް ޝައުގުވެރިވާ ކަމަށެވެ.
ފައިސަލް ވިދާޅުވީ، މިއަދު ރާއްޖޭގެ ރައްޔިތުން އެދެނީ ހެޔޮ ބަދަލަކަށްކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެ ބަދަލު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ފައިސަލް އިރުތަށް ވިދާޅުވީ، އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން، ފައިސަލް ވިދާޅުވީ މިކަމަށް ޝައުގުވެރިކަން އޮތީ ގައުމަށް ހެޔޮ ރަނގަޅު ގޮތްތަކާއި ރައްޔިތުންނަށް ކުރިއެރުން އެދޭތީ ކަމަށެވެ. އަދި އަބަދުވެސް ގައުމަށްޓަކައި ހިދުމަތް ކުރަައްވަން ބޭނުންފުޅުވާ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ފައިސަލް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރެއްވި އިރު، އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއީލް ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ނިންމަވާފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރުގެ ފަހުކޮޅުން ފެށިގެން އެމްޑީޕީގެ އެތެރޭގެ ބައިބައިވުން ބޮޑުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާރުވެސް އެ ޕާޓީގެ ތެރޭގައި އޮތީ އެކި ފެކްޝަންތައް އުފެދިފައެވެ.