ހަގީގީ ބަދަލެއް އަންނާނީ އިންސާނުން ބަދަލުވެގެން ކަމަށާއި، އެއީ އިންސާނުންނަށް ދެވޭ ތަމްރީނަކުން އެ އިންސާނާގެ ފިރުކާއި ވިސްނުމަށް އަންނަ ބަދަލު ކަމަށް، ތަޢުލީމާއި މަތީތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
"ޑިޖިޓަލް ފޯ އޯލް" ކެމްޕޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ބަދަލެއް އައުމުގެ އެންމެ މުހިންމު އަސާސަކީ ކުރިއަށް ދިޔުމަށް އަންނަ ޝައުގުވެރިކަން ކަމަށެވެ.
މިއަދު އިފްތިތާހުކުރި ޑިޖިޓަލް ފޯ އޯލް ޕްރޮގްރާމަކީ 3 އަހަރަށް ބަހާލައިގެން މުޅި ދިވެހި ރާއްޖެގެ ހުރިހާ ރަށެއްގައި ގެންދިޔުމަށްޓަކައި ސަރުކާރުން ނިންމާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ މަގްސަދަކީ ދިވެހީން ޑިޖިޓަލްކަން ކަމުގައި ޓެކްނޮލޮޖީއަށް އަހުލުވެރިކޮށް، 2.0 އަށް ގެންނަ ބަދަލާއެކު ފަހުރުވެރިކަމާއެކު ދުނިޔޭގެ އެހެން ކުރި އަރާފައިވާ ގައުމުތަކާއި އެއް ހަމަޔެއްގެ އިލްމުވެރި އާބާދީއެއް ބިނާ ވެގެން ދިޔުން ކަމަށް ވަޒީރު ޑރ.ޝަފީޢު ވިދާޅުވިއެވެ.
ފިއުޗާ އިންސްޓިއުޓްއާއި ތައުލީމީ ވުޒާރާ ގުޅިގެން ދިވެހި ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި، ކޮލެޖުތައް އަދި ކައުންސިލްތަކާއި އެކު، ކުރިއަށް އޮތް 3 އަހަރު ތެރޭގައި ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތެއް ވެސް އެ ރައްޔިތެއްގެ ކުޅަދާނަކަމަށް ބެލުމެއް ނެތި ދޭންޖެހޭ އެހީތެރިކަމާއި ހިތްވަރު ދީގެން ޑިޖިޓަލް އެވެޔާނަސް ޕްރޮގްރާމްގެ ތެރެއިން ސާޓިފައިޑް ކުރެވޭ މިންވަރަށް ގެންދިޔުމަކީ އަމާޒު ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މީގެ ނަތީޖާއެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތު ފަހިވެގެން ދިޔުމާއި، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅުދެންތެރިކަމާއެކު ވެސް ހުރިހާ އެންމެންނަށް އެއް ހަމައެއްގައި މުޖުތަމައުގައި ހިދުމަތް ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.