އަޒީޒާ މިސްކިތަށް ގެއްލުން ދިން މީހާ މުޖުތަމައުން އެކަހެރި ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަޒީޒާ މިސްކިތަށް ގެއްލުން ދިން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް، ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު މުޖުތަމައުން އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި އެ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ހުޅުމާލޭގެ އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެރޭ މެންދަމުން އަލިވެ 3:47 އެހައިކަންހާއިރު ކަމަށްވީ އިރު، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް، ޖުލައި 22 ވަނަ ދުވަހުގެ ރޭ ހަމަ އެ މިސްކިތަށް ގެއްލުން ދިން ކަމަށްވެސް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ.

މި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.