ކ. ތިލަފުށީ ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯގެ މަސައްކަތްތައް މަޑުޖެހުމަކަށް އައިސްފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވެމްކޯއިން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނީ، ތިލަފުށީގައި ހިންގަމުންދާ "ތިލަފުށި ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ" ގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ތިލަފުށި ސައިޓްގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހި އަދި ދުވަހުން ދުވަހަށް ކުރަމުންގެންދާ ހިދުމަތަށް ހުރަސްއެޅި މަސައްކަތްތައް މަޑުޖެހުމަކަށް އައިސްފައިވާ ކަމަށެވެ.
ވެމްކޯ އިން ބުނީ، އެ ހާދިސާއާއި ގުޅިގެން ތިލަފުށިން ދެމުންދާ އެކި ހިދުމަތްތައް ހާއްސަކޮށް މާލެ، ހުޅުމާލެ، އަދި ވިލިމާލެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށްވެސް އަސަރު ކޮށްފައިވާ ކަމަށާއި، އެ ސްޓޭޝަންތަކުގެ ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ތިލަފުށި ސައިޓްގެ އޮޕަރޭޝަން ކުރީގެ ހާލަތަށް އިޔާދަ ކުރުމަށް އެ ކުންފުނިން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާކަން ފަހަގަކޮށް ވެމްކޯއިން ބުނީ، އެ ކުންފުނީގެ ހިދުމަތް ފޯރުކޮށްދެމުންދާ ހުރިހާ ސައިޓުތަކެއްގެ މަސައްކަތްތައް ބެލުމަށްފަހު ދިމަވި ހާދިސާއާއި ގުޅިގެން އާންމުންނަށް މިކަމުން ކުރާނެ އަސަރު ވިހާވެސް ކުޑަކޮށް ވީ އެންމެ އަވަސް މުއްދަތެއްގައި، އޮޕަރޭވަމް ކުރީގެ ހާލަތަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހަމަމިއާއެކު، އާންމުންނަށް މިކަމުގެ ސަބަބުން ދިމާވި ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް ކުރަންޖެހޭ އެންމެ މަސައްކަތެއް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވެމްކޯ އިން ވަނީ ދީފަ އެވެ.