ސައުދީ އަރަބިއްޔާއަށް ކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ހާރިޖީ ވުޒަރާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ، ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ސައުދީ ސަރުކާރުން ނެރުނު ބަޔާނަށް ފުރިހަމައަށް ތާއީދުކޮށްފަ އެވެ.
ހާރިޖީ ވުޒަރާއިން ބުނީ ޔަމަނުގައި ސުލްހަ ގާއިމުކުރުމަށާއި އެ ގައުމުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ކުޑަކުރުމަށްޓަކައި، ޔަމަނުގެ ގާނޫނީ ސަރުކާރާއި އދ.އާ ގުޅިގެން ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރުން ބަލައިގަންނަ ކަމަށެވެ.
މީގެ އިތުރުން، ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަމާއި ތަރައްގީގެ އެހީ ފޯރުކޮށްދިނުމުގައި ސައުދީން އަދާކުރާ މުހިންމު ދައުރުވެސް އެވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.
ހަމަމިއާއެކު، ސައުދީ އަރަބިއްޔާއާއެކު އޮތް ބަދަހި ގުޅުން އާކޮށް، ޔަމަނުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ރާއްޖެއިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަންވެސް ހާރިޖީ ވުޒާރާއިން ދީފައިވެ އެވެ.
ސައުދީ އަރަބިއްޔާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، ހޫތީން އެ ގައުމުގެ މައްޗަށް ކުރާ ތުހުމަތުތަކާއި، ޔަމަނުގެ ރައްޔިތުން ހާލުގައި ޖެއްސުމަށް ސައުދީން މަސައްކަތް ކުރާ ކަމަށް ބުނާ ބުނުންތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ.