އެލްޖީއޭގެ ބްރާންޗުތަކެއް އަތޮޅުތެރޭގައި އުފެއްދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވެސް ވާނީ ޚަރަދު ބޮޑުވުން ކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ނިޔާޒު މިހެން ވިދާޅުވީ އެލްޖީއޭއާއެކު ބޭއްވި ބައްދަލުވުމަކަށްފަހު މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ލާމަރުކަޒީ ނިޒާމާއި، ކައުންސިލްތައް ހިންގާ ގޮތާއި، އެލްޖީއޭއިން އަދާކުރާ ރޯލާ ގުޅޭ ކަންބޮޑުވުންތައް ހުރި ކަމަށް ބުނެ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާ ބައްދަލުކުރަން ބުދަ ދުވަހު އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން ދިއުމުން، މިއަދު ހެނދުނު 10:00 ގައި ބައްދަލު ކުރަން އައުމަށް އެލްޖީއޭއިން އިއްޔެ ވަނީ އަންގާފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ އެލްޖީއޭއާއެކު ބޭއްވި މަޝްވަރާބައްދަލުވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. ނިޔާޒު ވިދާޅުވީ މަޝްވަރާކުރަން ދިޔައީ މައިގަނޑު ހަތަރު ކަމަކަށް ކަމަށެވެ. ނަމަވެސް ވަގުތު ހަމަވެގެން މަޝްވަރާކުރެވުނީ އޭގެ ތެރެއިން ދެ ކަމަކަށް ކަމުގައި ނިޔާޒު ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ކަމަށް އަތޮޅު ކައުންސިލުތައް އުވާލުމުގައި އެލްޖީއޭގެ ވިސްނުމަކީ ކޮބައިތޯ އާއި އެކަމާގުޅޭގޮތުން ފަންނީގޮތުން އެއްވެސް ލަފައެއް ސަރުކާރަށް ދީފައިވާނެތޯ ސުވާލުކުރައްވާފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި އެލްޖީއޭއާކު ބޭއްވި ބައްދަލުވުމުން އެނގުނު ގޮތުގައި ލާމަރުކަޒީ ނިޒާމުގެ އެއްވެސް ފަށަލައެއް އުވާލުމަކީ އެ ނިޒާމައް އެއްވެސް ގޮތަކަށް ރަނގަޅު ގޮތެއްކަމަށް އެ ބޭފުޅުން ގަބޫލުނުކުރައްވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރުގެ ސިޔާސަތަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އެހެންކަމުން އެ ބަދަލު އެގޮތަށް އައުމުން އަމަލުކުރަނީ ކަމަށާއި މިއީ ލާމަރުކަޒީ ނިޒާމަށް ހެޔޮބަދަލެއްގެ ގޮތުގައި އެ ބޭފުޅުން ދެކެވަޑައިނުގަންނަވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އަދި މިއީ ހަރަދުކުޑަކުރުމުގެ ނިޔަތުގައި ކޮށްފައި އޮތް ކަމެއް ނޫން ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

"އެހެންނަމަވެސް ހަރަދުކުޑަކުރުމުގެ ނިޔަތުގަ ކޮށްފަ އޮތް ކަމެއް ނޫން އެއީކީ.ޚަރަދުކުޑައެއް ނުވޭ. އެއީ އެބޭފުޅުން މިހާރު މަސައްކަތް އެކުރައްވަނީ ޤާނޫނުގަ އެބޭފުޅުންނަށް ލިބިދީފަ އޮތް އިތުރު މެންޑޭޓުން އެލްޖީއޭގެ ބުރާންޗުތައް އަތޮޅުތަކުގައި އުފައްދަން. އެހެންވީމަ އޭގެން ހަރަދުކުޑައެއް ނުވޭ."

އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒު

މީގެ އިތުރުން ނިޔާޒު ވިދާޅުވީ އެއީ ހަރަދުކުޑަކުރަން ކޮށްފައި އޮތް ކަމެއް ކަމަށް އެ ބޭފުޅުންގެ ވާހަކައިންވެސް ފާހަގަވެފައި ނުވާ ކަމަށެވެ. އަދި އެކަމުގައި ވަކި ދަލީލެއް ދެއްކެންވެސް ނެތް ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ބޮޑެތި ނިންމުންތައް ނިންމާއިރު މަޝްވަރާބައްދަލުވުންތައް ލައިވްކުރަން އެލްޖީއޭގައި އެދިފައިވާނެ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ. ނިޔާޒް ވިދާޅުވީ ދެވަނައަށް މަޝްވަރާކުރީ މުޅި ފާފު އަތޮޅުގެ ރައްޔިތުން ކަންބޮޑުވާ މައްސަލައަކަށް ކަމަށެވެ. އެއީ މުޅި ފާފު އަތޮޅުގެ މުދަލެއް އެއަތޮޅު ނިލަންދޫ ކައުންސިލުގެ މުދަލެއް ކަމުގައި ނިންމުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ އެލްޖީއޭ އިން ދެކޭގޮތުގައި އެއީ ރަނގަޅަށް ކުރި ކަމެކެވެ. އެމްޑީޕީން ދެކޭގޮތުގައި އަތޮޅުގެ ހުރިހާ ރަށްތަކުގެ ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ކޮށްފައި އޮތް މަސައްކަތެއް އެއްވެސް ރަށަކަށް ބަދަލެއް ދިނުމެއް ނެތި އެންމެ ރަށަކަށް ދިނުމުގައި ސިޔާސީ ނުފުޒޫ އޮތް ކަމަށް ނިޔާޒު ވަނީ ތުހުމަތުކުރައްވާފައެވެ.