ބޮޑުތަކުރުފާނު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ ދަށުން އެމަގުގެ މިހާރު ހަދަމުން އަންނަ ބައިގައި މަސައްކަތް އެއްކޮށް ނިމިއްޖެކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރެވެލް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން އެކްސްގައި އާންމުކޮށްފައިވަ ޕޯސްޓެއް ގައި ބުނީ، ބޭރުމަގުގެ ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ހަދަމުން އަންނަ ބައިގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ 2 ވަނަ އަދި 3 ވަނަ ސެގްމަންޓްގެ ޕާކިން ޒޯނާއި ދުވާރުގެ މަސައްކަތްތަކާއި، މަގުމަތީގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުން ނިންމާލާފައިވާއިރު، އެ ސަރަހައްދުތަކުގެ ފިނިޝިންގެ އެންމެ ފަހުގެ މަސައްކަތްތައް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ޕާކިންގ ޒޯންތަކުގައި ނިޝާން ޖެހުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާއިރު، މި ހަފުތާގެ ނިޔަލަށް އެ މަސައްކަތްތައްވެސް އެއްކޮށް ނިންމައި، މުޅި މަޝްރޫއު ނިންމުމަށް މަސައްކަތް ކުރަމުންދަ ކަމަށް އެމްޓިސީސީން ބުނެ އެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް، އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު އެމްޓީސީސީން އަންދާޒާކޮށްފައިވަނީ މިމަހުގެ 26އަށެވެ.