ކ. ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ދެމެދު މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ ވުޒާރާއިން ބުނީ، ވުޒާރާގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާއީލު ކަމަށާއި، އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ ކަމަށެވެ.

އެ ވުޒާރާއިން ބުނީ، މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 100 މީހުންގެ ޖާގައިގެ މަރުކަޒެއް ކަމަށާއި، މި މަޝްރޫޢުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއާ ސެންޓަރު" ތަކެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، ކ.ތުލުސްދޫގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ މިއަދު ހަވާލުކޮށްފައިވާއިރު، 25 ޖޫން ވަނަ ދުވަހު ށ. ފުނަދޫ "އޭޖްޑް ކެއާ ސެންޓަރު" ގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރާ "އޭޖްޑް ކެއާ ސެންޓަރު" (ދެކުނުގެ މަރުކަޒު) ގެ މަސައްކަތް ކޮންޓްރެކްޓަރު ފައިނޭންސިން އުސޫލުން ލިޓަސް އޮޓޯމޮބައިލްސްއާ ވަނީ ހަވާލުކޮށްފައެވެ.

މި މަރުކަޒުތަކުގެ މައިގަނޑު މަގުސަދަކީ، އިސްރަށްވެހިންގެ ތެރެއިން އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން، ޞިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުން ކަމަށް ސިއްހީ ވުޒާރާއިން ބުނެ އެވެ. އަދި މި ތަންތަނުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކި ޕްރޮގްރާމްތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭނެ ކަމަށްވެސް ބުނެ އެވެ.

އެ ވުޒާރާއިން ބުނީ، ރާއްޖޭގެ އާބާދީ ދޮށީ އުމުރަށް މިސްރާބުޖަހާފައިވާއިރު، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއދޭ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އިސްރަށްވެހިންނަކީ މުޖުތަމައުގެ މުހިއްމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެއްވެސް ފަރުދަކު ބާކީ ނުވާނެހެން، އެބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެއް ފުޅާކުރުން ކަމަށްވެސް އެ ވުޒާރާއިން ބުނެ އެވެ.