ޕެންޝަން ފަންޑު މެދުވެރިކޮށް އެެމްއެމްއޭ އިން ސަރުކާރުގެ ޓީ-ބިލް ގައި އިންވެސްޓްކުރުމަކީ ސަރުކާރުން ސީދާ ފައިސާ ޗާޕްކުރުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝާހިދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޕެންޝަން ފަންޑު މެދުވެރިކޮށް އެެމްއެމްއޭ އިން ސަރުކާރުގެ ޓީ-ބިލް ގައި އިންވެސްޓްކުރުމަކީ ސަރުކާރުން ފައިސާ ޗާޕްކުރުން ކަމަށާއި، އެކަމުގެ ސަބަބުން އިންފްލޭޝަން މަތިވެ، ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓި ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު އިންތިހާއަށް މަތިވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުންނާއި، ޕެންޝަން އޮފީހުގެ އިސް މުވައްޒަފުން އިސްތިއުފާ ދެމުން ގެންދާ ގެންދިއުމަށް ބެލުމެއްނެތި، 2.4 ބިލިއަން ރުފިޔާ ޗާޕު ކުރުމަކީ ކަނޑައެޅިގެން ރައްޔިތުންގެ މުސްތަގުބަލާއި މުޅި ގައުމުގެ މާލީ ނިޒާމު ހަލާކު ކޮށްލުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ފައިސާ ޗާޕު ނުކުރައްވާނެކަމަށް ވިދާޅުވި ނަމަވެސް އެ ވައުދާއި ޚިލާފުވެ، މާލީ ނިޒާމަށް މިވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެގޮތަކަށް ކަންކުރެއްވުމަކީ ވަރަށް ދެރަވަރުކަމެއް ކަމަށެވެ.