އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.
މި އަހަރުގެ މެއި މަހުގެ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފުރަތަމަ ފަހަރަށް މި ބިލު ފާސްކޮށް ތަޞްދީޤުކުރެއްވުމަށް ފޮނުވުމުން، މެއި 31 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނުމަށް އެދިވަޑައިގެން އެ ބިލު އަނބުރާ ފޮނުއްވާފަ އެވެ. އެއަށްފަހު، 1 ޖުލައި ގައި ކުރިއަށްގެންދިޔަ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ 2026 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުމުގައި އެ ބިލަށް އިތުރު ބައެއް އިޞްލާޙުތައް ގެނައުމަށްފަހު، އެ ކޮމިޓީން ދިރާސާކުރައްވައި ނިންމި ގޮތަށް، ޖުލައި 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން ވަނީ އެ ބިލު ފާސްކޮށްފަ އެވެ.
މި ބިލު އެކުލަވާލުމުގެ މަޤުޞަދަކީ، ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޚިދުމަތް ރައްކާތެރިކަމާއެކު، ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލައި، އެކަމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމެވެ.
މި ބިލުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ގުޅޭ ޢާންމު ހަމަތަކާއި، ގުނަވަން ހަދިޔާކުރާ ފަރާތްތަކާއި ލިބިގަންނަ ފަރާތުގެ ޙައްޤުތައް ބަޔާންކޮށްފައިވެ އެވެ. ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ނިޒާމާބެހޭ ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" އިންނެވެ. އަދި ދިވެހިރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަދޭނީ މި ޤާނޫނުގެ ދަށުން އެކުލަވާލާ "އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އިންނެވެ.
މީގެއިތުރުން، ޓްރާންސްޕްލާންޓްކުރުމުގެ އިޖުރާތުތަކާއި މިންގަނޑުތަކާއި، ޤާނޫނާ ޚިލާފަށް ޓްރާންސްޕްލާންޓްކުރުމުގެ ކުށާއި އަދަބު މި ބިލުގައި ވަނީ ކަނޑައަޅާފަ އެވެ.
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.