ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި ކުއްޔާއި ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު އިތުރުވެ، 14.5 ބިލިއަން ރުފިޔާ އަށް އަރައިފި ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާގެ ކުއާޓާލީ ރިޕޯޓުގައިވާ ގޮތުން އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ނުދައްކާ ފައިސާ އަށް ވަނީ 600 މިލިއަން ރުފިޔާ އިތުރުވެފައެވެ.
އަދި އެއީ ފަސް ޕަސެންޓްގެ އިތުރުވުމެއް ކަމަށާއި އަހަރު ނިމުނު އިރު ދައުލަތަށް ލިބެންޖެހޭ ނަމަވެސް ނުލިބި ހުރި އަދަދު ހުރީ 13.8 ބިލިއަން ރުފިޔާގައެވެ.
އެގޮތުން ދައުލަތަށް އެންމެ ބޮޑު އަދަދެއް ނުލިބި ހުރީ ޓެކްސްތަކުންނެވެ. ޓެކްސްގެ ގޮތުގައި ނުލިބި ހުރި އަދަދު ވަނީ 7.8 ބިލިއަން ރުފިޔާ އިން 8.2 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.
ހަމައެހެންމެ އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އަދަދު 2.4 ބިލިއަން ރުފިޔާއަށް އެރި އިރު ޖީޖީއެސްޓީގެ ގޮތުގައި ނުލިބި ހުރި އަދަދު 3.5 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
އަދި ޓީޖީއެސްޓީގެ ގޮތުގައި ނުލިބޭ އަދަދު 1.6 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ.
މީގެ އިތުރުން މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި އަދަދު ވަނީ 5.7 ބިލިއަން ރުފިޔާ އިން ހަ ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.
ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުލިބި ހުރި އަދަދު ވަނީ 2.4 ބިލިއަން ރުފިޔާ އިން 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.